ބޮލީވުޑްގައި މިހާރު އެންމެ ހިނގާ ޖޯންރާގެ ތެރޭގައި ހިމެނޭ ހޮރޯ-ކޮމެޑީއަކަށް އެކްޓަަރު އަޔޫޝްމަން ކްރާނާ ވެސ ސޮއިކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ބޮލީވުޑް ހަންގާމާ އިން ބުނީ އަބަދު ވެސް ވަރަށް ތަފާތު ކޮންސެޕްޓްތަކަށް ހަދާ ފިލްމުތަކަށް އިސްކަންދޭ އަދި ނެޝަނަލް އެވޯޑް ވެސް ހޯދާފައިވާ އެކްޓަރު ސޮއިކުރީ ޑައިރެކްޓަރު އަނީސް ބަޒްމީ ހަދަން ނިންމާފައިވާ "ބޫޓިޔާޕާ" އަށް ކަމަށެވެ. އެ ނޫހުުން ބުނީ މި ޕްރޮޖެކްޓާ ގުޅޭ ގޮތުން މިހާރު މަޝްވަރާތައް ކުރިއަށްދާ ކަމަށާއި ފިލްމުގެ މަސައްކަތް ފަށާނެ ކަމަށް ބެލެވެނީ އަންނަ އަހަރުގެ ތެރޭގައި ކަމަށެވެ.
އަނީސްގެ ފިލްމެއްގައި އަޔޫޝްމަން މަސައްކަތް ކުރަން އުޅޭ ވާހަކަ ދެކެވެމުން އަންނަނީ 2022 އިން ފެށިގެންނެވެ.
ކާމިޔާބު އެތައް ފިލްމެއް ގެނެސްދީފައިވާ އަނީސް މިހާރު އަންނަނީ ކާތިކް އާރިއަނާ އެކީ އޭނަ 2022 ގައި ގެނެސްދިން ކާމިޔާބު ހޮރޯ-ކޮމެޑީ "ބޫލް ބުލައްޔާ 2" ގެ ތިން ވަނަ ބައިގެ މަސައްކަތް ކުރަމުންނެވެ. މި ފިލްމު އަހަރުގެ ނޮވެމްބަރުގައި ގެނެސްދޭނެ އެވެ.
"ބޫލް ބުލައްޔާ 3" އަށް ފަހު ޑިސެމްބަރު މަހުގެ ތެރޭގައި އަނީސް 2005 ގެ "ނޯ އެންޓްރީ" ގެ ސީކްއެލް "ނޯ އެންޓްރީ މޭ އެންޓްރީ" ގެ މަސައްކަތް ފަށާނެ އެވެ.
އަޔޫޝްމަންގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ "ޑްރީމްގާލް 2" އެވެ. އޭނަ މިހާރު އަންނަނީ އިންޑިއާގެ ކުރީގެ ކްރިކެޓް ތަރި، ސޯރަވް ގަންގޫލީގެ ބައޮގްރަފިކަލް ޑްރާމާ އަށް ތައްޔާރުވަމުންނެވެ.