Last Updated: May 2, 06:02
Thursday, May 2, 2024
ދުނިޔެ

ނަތަންޔާހޫ ގެންދަނީ ގޯސް ހަދަމުން: ބައިޑެން

ފަލަސްތީނާ ދެކޮޅަށް ހިންގަމުންދާ ހަނގުރާމައިގެ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާޔޫ ގެންދަވަނީ ބޮޑެތި ގޯސްތަކެއް ހަދަމުން ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވެއްޖެ އެވެ.

ފަލަސްތީނުގެ ރައްޔިތުންނަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ވާގިދޭން އެމެރިކާ އިން ހަތިޔާރުގެ އެހީރެރިކަން ފޯރުކޮށް ނުދޭން ބައިޑެން ނިސްބަތްވާ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ގޮވައިލަމުން އަންނަ އަޑުތައް ވެސް އިތުރިވަމުން އަންނަ އިރު، މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ގާޒާ ހަނގުރާމަގައި ނަތަންޔާހޫ ގެންގުޅޭ ސިޔާސަތުތަކާ މެދު ވަރަށް ބޮޑު ކަންބޮޑުވާ ކަމަށެވެ.

އެގޮތުން ފާއިތުވި ރޯދަ މަސް ފެށުމުގެ ކުރިން ވެސް ހަމަލާތައް ހުއްޓައިލަން އެނދިވަޑައިގަތް ކަމަށާއި މިހާރު ވެސް އެދިވަޑައިގަންނަވަނީ އެންމެ ކުޑަމިނިން ހަމަލާތައް 6-8 އަށް ހަފުތާ އަށް ހުއްޓާލައި، ގާޒާ އަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށް ދެވޭނެ މަގު އިޒްރޭލުން ފަހިކޮށް ދިނުން ކަމަށެވެ.

"ކާނާ އާއި ބޭސް ފަދަ އަސާސީ ތަކެތި ފޯރުކޮށް ދެވޭނެ ފުރުސަތު އެބަޖެހޭ އިޒްރޭލުން ފަހިކޮށް ދޭން." ބައިޑެން ވިދާޅުވި އެވެ.

މިދިޔަ ހަފުތާގައި އެމެރިކާ އިން ވަނީ އެގައުމުން އިޒްރޭލަށް ދެމުން އަންނަ ވާގި ދެން ބިނާވާނީ ވެސް އިންސާނީ އަށް ހުރަސް ނޭޅުމުގެ މައްޗަށް ކަމަށް ބުނެ އިންޒާރެއް ވެސް ދީފަ އެވެ.

ގާޒާގެ އެހީ އަށް ހުރަސް އަޅާ ކަމަށް ބުނާތީ އިޒްރޭލުން މިހާރު ބުނަމުން އަންނަނީ އެހީދޭ އެއްވެސް ފަރާތަކަށް މިހާރު ހުރަސް ނާޅާ ކަމަށެވެ. އަދި ގާޒާ އަށް އެހީ ފޯރުކޮށް ނުދެވެނީ އެކަމުގައި އިސްކޮށް އދ. ގެ އެޖެންސީތައް ފެއިލްވެގެން ކަމަށެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ 7 އިން ފެށިގެން އަނިޔާވެރި ޔަހޫދީން ފަލަސްތީނާ ދެކޮޅަށް ހިންގަމުންދާ ގަތުލުއާންމުގައި 33،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެ، 80،000 އެއްހާ މީހުން ވަނީ ޒަހަމްވެފަ އެވެ. އަދު ފަލަސްތީނުގެ ކާނާ އާއި ފެނާއި ބޭސް ފަދަ އަސާސީ ހިދުމަތްތަކަށް ޖެހި، އިންސާނީ ބޮޑު ކާރިސާއެއްގެ ތެރޭގަ އެވެ،