ގިނަ ބަޔަކު މި އަހަރު އެންމެ ބޮޑަށް އިންތިޒާރު ކުރަމުން އަންނަ ހޮލީވުޑްގެ ފިލްމުތަކުގެ ތެރޭގައި އެކްޓަރު ޖޯކީން ފީނިކްސް "ޖޯކާ 2" ގެ ޓީޒާ ޓްރެއިލާ ދައްކާލައިފި އެވެ.
ފިލްމުގެ ފުރަތަމަ ޓީޒާގައި މައިގަނޑު ގޮތެއްގައި ގެނެސްދީފައި އޮތީ ޖޯކީން އާއި ބަތަލާ ލޭޑީ ގާގާގެ އާދަޔާހިލާފު ލޯބީގެ ގުޅުމެއްގެ މައްޗަށެވެ.
ވޯނާ ބްރޮސް އާއި ޑީސީ ސްޓޫޑިއޯސްގެ މި މިއުޒިކަލް ސައިކޮޖިކަލް ތުރިލާ އަކީ ޖޯކީން އަށް އެންމެ މޮޅު އެކްޓަރުގެ އޮސްކާ އެވޯޑް ވެސް ލިބުނު 2019 ގެ "ޖޯކާ" ގެ ސީކްއެލް އެވެ. ދެ ފިލްމު ވެސް ޑައިރެކްޓްކުރީ ޓޮޑް ފިލިޕްސް އެވެ.
"ޖޯކާ: ފޮލީ އަ ޑިއުޒް" ގެ ނަން ދީފައިވާ ދެވަނަ ބައި ސިނަމާތަކަށް ގެންނަން ހަމަޖެހިފައި ވަނީ އޮކްޓޯބަރު 4 ގަ އެވެ. މި ފިލްމު ހަދާފައި ވަނީ 200 މިލިއަން ޑޮލަރުގެ ބަޖެޓަކުންނެވެ.
"ޖޯކާ" އަކީ 70 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހަދައި، ބޮކްސް އޮފީހުގައި 1.079 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި ފިލްމެކެވެ.