Last Updated: May 3, 13:49
Friday, May 3, 2024
ޚަބަރު

ފެނަކަ އިން އެސްޓީއޯ އަށް 1.9 ބިލިއަން ދައްކަން ޖެހޭ

ފެނަކައިން އެސްޓީއޯ އަށް 1.9 ބިލިއަން ރުފިޔާ ދައްކަން ޖެހިފައި އޮތް ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވެއްޖެ އެވެ.

މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައި އޭނަ ވިދާޅުވީ، މަގާމާ ހަވާލުވި އިރު ފެނަކައިން ދެ ބިލިއަން ރުފިޔާއާ ގާތަށް ތެލަށް ފައިސާ ނުދައްކައި އޮތް ކަމަށެވެ. ޝިމާދު ވިދާޅުވީ، އެސްޓީއޯ އިން ފެނަކައަށް ތެޔޮ ވިއްކަމުން އަންނަނީ ހާއްސަ ރޭޓެއްގައި ކަމަށްވާތީ އެ ފައިސާ ނުދެއްކޭނެ ސަބަބެއް ނެތް ވެސް ކަަމަށެވެ.

ނަމަވެސް އެ ކުންފުނިން އެސްޓީއޯ އަށް ލިބެން ޖެހޭ ފައިސާ 2021 އިން ފެށިގެން އެއްގޮތަކަށް ވެސް ނުލިބޭ ކަމަށް ވިދާޅުވި އެވެ.

ޝިމާދު ވިދާޅުވީ، ފެނަކައިން ފައިސާ ނުދައްކައި އޮތުމުން އެކަމުގެ ދަތިތައް ކުރިމަތިވަމުންދާ ކަމަށެވެ. އަދި މި ސަރުކާރު އައުމާ އެކީ ފެނަކަގެ އާ މެނޭޖްމެންޓުން ކުރީގައި ހުރި ދަރަނިތައް އަދި އެއްކޮށް ނުދެއްކުނު ނަމަވެސް، ފަހުން ހޯދާ ތެލަށް ފައިސާ ދައްކަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

ޝިމާދު ވިދާޅުވީ ފެނަކައިގެ ދަރަނި ފިޔަވައި މާލީ އިތުރު ދަތިކަމެއް އެސްޓީއޯ އަސް ނެތް ކަމަށެވެ.