Last Updated: April 30, 09:58
Tuesday, April 30, 2024
ކުޅިވަރު

ޕީއެސްޖީ ބަލިކޮށް ބާސާ ސެމީއާ ގާތަށް

ޗެމްޕިއަންސް ލީގުގެ ކުއާޓާފައިނަލްގެ ފުރަތަމަ ލެގުގައި ރޭ ބާސެލޯނާ އިން 3-2 އިން ޕީއެސްޖީ ބަލިކޮށްފި އެވެ.

މި ނަތީޖާއާއެކު ދެވަނަ ލެގުގެ މެޗު އެއްވަރުކޮށްލައިގެން ވެސް ބާސާ އަށް ސެމީ އަށް ދެވޭނެ އެވެ. ބާސާގެ ދަނޑުގައި ކުޅޭ ދެވަނަ ލެގުގެ މެޗު އޮންނާނީ އަންނަ ހަފްތާގެ ބުދަ ދުވަހު އެވެ.

ޕީއެސްޖީގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ބާސާގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ 37 ވަނަ މިނެޓްގައި ރަފީނިއާ ވަނީ ބާސާ އަށް ލީޑު ނަގައިދީފަ އެވެ. ނަމަވެސް ދެވަނަ ހާފް ފެށިގެން މާގިނަ އިރުތަކެއް ނުވަނީސް މެޗުގެ 48 ވަނަ މިނެޓްގައި ބާސާ އަށް ކުރިން ކުޅުނު އޮސްމާނޭ ޑެމްބެލޭ ވަނީ ޕީއެސްޖީ އަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ.

އަދި އޭގެ ދެ މިނެޓް ފަހުން ވިޓީނިއާ ޕީއެސްޖީ އަށް ލީޑު ނަގައިދިން އިރު، މި ގޯލަށްފަހު ވެސް ޕީއެސްޖީން ދިޔައީ ބާސާގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. ނަމަވެސް މެޗުގެ 62 ވަނަ މިނެޓްގައި ރަފީނިއާ ވަނީ ބާސާ އަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ. ޕެޑްރީ ދިން ރީތި ޕާހަކުން ރަފީނިއާ މި ގޯލު ކާމިޔާބު ކުރީ އެއް ފަހަރުން ފޮނުވާލި ހަމަލާއަކުންނެވެ.

މެޗުގެ 75 ވަނަ މިނެޓްގައި ޕީއެސްޖީ އަށް ނަތީޖާ އެއްވަރުކޮށްދޭން ޑެމްބެލޭ އަށް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް އޭނާ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ދަނޑި އަށެވެ. މި މެޗުން ބާސާ މޮޅުވި ގޯލު މެޗުގެ 77 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ޑިފެންޑަރު އަންދްރޭސް ކްރިސްޓެންސަން އެވެ. އޭނާ މި ގޯލު ކާމިޔާބު ކުރީ ޕީއެސްޖީގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ ބޮލުން ބޯޅަ ކުރިއަށް ފޮނުވާލައިގެންނެވެ.

ޗެމްޕިއަންސް ލީގުގެ ކުއާޓާފައިނަލްގެ ފުރަތަމަ ލެގުގައި ރޭ އެތްލެޓިކޯ މެޑްރިޑުން ވަނީ 2-1 އިން ބްރޫޝިއާ ޑޯޓްމަންޑް ބަލިކޮށްފަ އެވެ.