ޖާންވީ ކަޕޫރް ބޮލީވުޑަށް ނެރުނު ކަރަން ޖޯހަރު، ޒުވާން ބަތަލާގެ ފުރަތަމަ ތެލެގޫ ފިލްމު "ދެވާރާ: ޕާޓް 1" ގައި ހިއްސާވެއްޖެ އެވެ.
މަޝްހޫރު ތެލެގޫ އެކްޓަރު އެންޓީއާރް ޖޫނިއާ ބަތަލުގެ ރޯލު ކުޅެފައިވާ މި ފިލްމު އުތުރު އިންޑިއާގައި ޑިސްޓްރިބިއުޓްކުރުމުގެ ރައިޓްސް ވަނީ ކަރަންގެ ފިލްމު ކުންފުނި ދަރުމާ ޕްރޮޑަކްޝަނަށް ދީފަ އެވެ. އެކަން އިއްޔެ އިއުލާންކޮށް، ދަރުމާ އިން ބުނީ "ދެވާރާ" ގައި ހިއްސާވުމަކީ ލިބޭ ފަހުރެއް ކަމަށް ދެކޭ ކަމަށެވެ.
ދަރުމާ އިން މީގެ ކުރިން ވެސް ދެކުނުގެ ބައެއް ފިލްމުތައް ހިންދީ އޯޑިއަންސަށް ގެނެސްދިނުމުގައި ހިއްސާވެފައިވެ އެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ފިލްމަކީ ދެ ބަޔަކަށް ގެނެސްދިން ޑައިރެކްޓަރު އެސްއެސް ރާޖަމޯލީގެ "ބާހްބަލީ" އެވެ.
ޝޫޓިން ނިންމައި މިހާރު ޕޯސްޓް-ޕްރޮޑަކްޝަންގައި އޮތް "ދެވާރާ" ސިނަމާތަކަށް ގެންނަން ހަމަޖެހިފައި ވަނީ މި އަހަރުގެ އޮކްޓޯބަރު 10 ގަ އެވެ. މިއީ 2022 ގެ "އާރްއާރްއާރް" އަށް ފަހު ބަތަލު އެންޓީއާރް ކުޅުނު ފުރަތަމަ ފިލްމެވެ.
ކޮރަޓަލާ ސިވާ ޑައިރެކްޓްކުރި "ދެވާރާ" ގެ ބަތަލާގެ ރޯލު ޖާންވީ ކުޅުނު އިރު، މީގެ ކާސްޓްގައި މަޝްހޫރު އެކްޓަރު ސައިފް އަލީ ޚާން ވެސް ހިމެނެ އެވެ. މި އެކްޝަން ޑްރާމާގެ އިތުރު ކާސްޓުންގެ ތެރޭގައި ޕްރަކާޝް ރާޖް، އަބިމަންޔޫ ސިންގް، ސްރީކާންތު އަދި މުރަލި ޝަރުމާ ހިމެނެ އެވެ.
ކުރީގެ ބަތަލާ ސްރީދޭވީގެ ދޮށީ ދަރިފުޅު ޖާންވީ ބޮލީވުޑަށް ނެރުނީ ކަރަން ޕްރޮޑިއުސްކުރި 2018 ގެ "ދަޅަކް" އިންނެވެ.