Last Updated: July 22, 10:31
Wednesday, July 22, 2026
މުނިފޫހިފިލުވުން

ސަލްމާންގެ އާ ފިލްމަކީ "ސިކަންދަރު"

ޑައިރެކްޓަރު އޭއާރް މުރްގަދޯސްއާ އެކީ ސަލްމާން ޚާން މަސައްކަތް ކުރަން ހަމަޖެހިފައިވާ ފިލްމުގެ ނަމަކީ "ސިކަންދަރު" ކަން މިއަދު އިއުލާންކޮށްފި އެވެ.

ސާޖިދު ނަދިއަދުވާލާ ޕްރޮޑިއުސްކުރާ މި ފިލްމުގެ ޓައިޓްލް ޕޯސްޓަރެއް ވެސް ވަނީ ދައްކާލައިފަ އެވެ. ކުރިން އަޑުއެރި ގޮތުން މި ފިލްމަކީ ސަލްމާން ހިމަނައިގެން ސާޖިދު ޑައިރެކްޓްކޮށް 2014 ގައި ގެނެސްދިން ކާމިޔާބު ފިލްމު "ކިކް" ގެ ސީކްއެލް އެވެ.

ނަމަވެސް ފިލްމުގެ ޓީމުން މިއަދު ފިލްމުގެ ނަން އިއުލާން ކުރުމާ ގުޅިގެން އާ ފިލްމަކީ "ކިކް 2" ނޫންކަން ވަނީ ކަށަވަރުވެގެން ގޮސްފަ އެވެ. "ސިކަންދަރު" ގެ ޝޫޓިން ފެށުމުގެ ތައްޔާރީތައް މިހާރު ވަމުން އަންނަ އިރު، މި ފިލްމު އަންނަ އަހަރުގެ ފިތުރު އީދުގައި ސިނަމާތަކަށް ގެންނާނެ އެވެ. އެކަމަކު އަދި ފިލްމުގެ ބަތަލާ އަކީ ކާކުކަން ހާމައެއް ނުކުރެ އެވެ.

އާންމުކޮށް ތަމަޅަ ފިލްމުތައް ހަދާ މުރްގަދޯސް އަކީ އާމިރު ޚާންގެ "ގަޖިނީ" އާއި އަކްޝޭ ކުމާރުފެ "ހޮލިޑޭ: އަ ސޯލްޗާ އިޒް ނެވަ އޮފް ޑިއުޓީ" ގެ ޑައިރެކްޓެރެވެ. މުރްގަދޯސްއާ އަކީ ސަލްމާން ފިލްމެއްގެ މަސައްކަތް ފަށަން ތައްޔާރުވަމުން އަންނަކަން އިއުލާންކުރީ މިދިޔަ މަހުގެ 12 ގަ އެވެ.

ސަލްމާންގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ "ޓައިގާ 3" އެވެ.