Last Updated: June 7, 22:00
Sunday, June 7, 2026
ރިޕޯޓް

އައްޑޫގެ "އެ 5،000 އެނދު"

ޝަންގްރިއްލާ ވިލިގިލި ރިސޯޓް އެންޑް ސްޕާހެ ކޮޓަރިއެއް.

ރައީސް ޔާމީންގެ ސަރުކާރުގެ ފަސް އަހަރު ތެރޭގައި އައްޑޫ ސިޓީގައި ގެސްޓް ހައުސްތައް ގާއިމްކޮށް ޓޫރިސްޓުން ބައިތިއްބާ އެނދުގެ އަދަދު 5000 އަށް އިތުރު ކުރައްވާނެ ކަމަށް 2014 ވަނަ އަހަރުގެ ޖުލައި މަހު ޓޫރިޒަމް މިނިސްޓަރ އަހްމަދު އަދީބު ވިދާޅުވުން ވެގެން ދިޔައީ އައްޑޫގެ ރައްޔިތުންނަށް ހިނދުކޮޅަކަށް ނަމަވެސް އުފާވެރިކަން ގެނެސްދިން ކަމަކަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ސ.މަރަދޫ ދާއިރާގެ މެންބަރ އިބްރާހިމް ޝަރީފް ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން އަދީބު ވިދާޅުވެފައި ވަނީ ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިގްތިޞާދީ ޒޯނުގެ ބިލުގެ ދަށުން ރާއްޖެ އިގްތިޞާދީ ޒޯނުތަކަށް ބަހާލާއިރު އައްޑޫ ސިޓީގެ ޒޯނަކީ އެންމެ ޚާއްސަ ކަމެއްދީގެން އަދި އެންމެ ފުރަތަމަ ފެށުމަށް ހަމަޖެހިފައިވާ އިގްތިޞާދީ ޒޯނު ކަމަށާއި އެގޮތުން މިހާރު އައްޑޫ ސިޓީގައި ހުރި 1094 ޓޫރިސްޓް އެނދުގެ ބަދަލުގައި މި 05 އަހަރު ނިމޭއިރު 5000 ޓޫރިސްޓް އެނދަށް ބަދަލު ކުރެވޭނެ އެވެ.

ކޮންމެ އަކަސް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުނު އިގްތިސާދީ ޒޯނުގެ ބިލް (އެސްއީޒެޑް) 60 މެންބަރުންގެ ވޯޓާއި އެކު ވަނީ ފާސްކޮށްފައެވެ. އޭރު މަޖިލީހުގެ ބައެއް މެންބަރުން ވެސް ވިދާޅުވަމުން ގެންދެވީ މަދުބަޔަކު އެ ބިލް ފާސްވުމުން ހިތްހަމަ ނުޖެހުނަސް ގިނަރައްޔިތުން ތިބީ އުފަލުން ކަމަށާއި އަދި ބިލުގެ ސަބަބުން އަންނާނެ ކުރިއެރުން ތަކުގެ އުންމީދު ގައި ކަމަށެވެ.

އައްޑޫގައި 5000 އެނދު ތަރައްޤީ ކުރުމަށް އެންމެ ބޮޑަށް މަގު ފަހި ވެގެންދާނެ ގެސްޓް ހައުސް ޕްރޮގްރާމަކީ ކުރިއަށް ގެންދެވޭނެ އަދި ސަރުކާރުން އެ ޕްރޮގްރާމަށް ތާއީދުކުރާ އަދި "ބެކިން" ވެސް ދެއްވާނެ ޕްރޮގްރާމެއް ކަމުގައި ޓޫރިޒަމް މިނިސްޓަރ އަދީބް ވިދާޅުވެފައިވި ނަމަވެސް އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުން މިކަން ދޮގު ކުރެއެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރ މަހު ކައުންސިލުން ވަނީ ސަރުކާރުގެ ފަރާތުން ކުރައްވާ އަމަލުތަކުގެ ސަބަބުން އައްޑޫ ސިޓީގެ ގެސްޓް ހައުސް ވެންޗަރ ޕްރޮގްރާމަށް ހުރަސް އެޅޭ ކަމަށް ބުނެ ނޫސްބަޔާނެއް ވެސް ނެރެފައެވެ. އެ ނޫސްބަޔާނުގައި ބުނެފައިވަނީ އައްޑޫސިޓީން ހިންގާ ގެސްޓްހައުސްގެ ވިޔަފާރިއާއި، އެވިޔަފާރިއާއި ގުޅޭ އެންމެހާ ޚިދުމަތްތަކާއި ވަސީލަތްތައް ތަރައްޤީކުރުމަށް އައްޑޫސިޓީ ކައުންސިލުން ނިންމާފައިވާ ގެސްޓްހައުސް ވެންޗާރގެ މަސައްކަތަށް ހުރަސް އެޅުމުގެ ގޮތުން އިންވެސްޓަރުން ނާއުންމީދު ވާފަދަ ގޮތަށް ސަރުކާރުގެ އިސްފަރާތްތަކުން ކަމުގެ ހަގީގަތާ ޚިލާފު ވާހަކަ ދައްކަވާ އެފަރާތްތަކުގެ ކޮންފިޑެންސް ގެއްލޭފަދަ ގޮތްގޮތަށް އަމަލުކުރައްވާކަމުގެ މައުލޫމާތު ލިބެމުންދާ ކަމަށާއި މި އަމަލަކީ އައްޑޫގެ ރައްޔިތުންނާ ދެކޮޅަށް ސަރުކާރުގެ މަސްއޫލުވެރި ފަރާތްތަކުން ހިންގާ ޖަރީމާއެއްފަދަ ކަމެއްކަމަށް ކައުންސިލުން ދެކޭ ކަމަށެވެ.

ކައުންސިލްގެ ފަރާތުން ހިންގާ ގެސްޓް ހައުސް ޕްރޮގްރާމުގެ ތެރެއިން 5000 އެނދު އައްޑޫގައި ތަރައްޤީ ނުކުރަން ސަރުކާރުން ނިންމާފައި ވަނީ ކަމަށް ވެސް ވެދާނެއެވެ. އެހެން ނަމަވެސް އައްޑޫގެ ރައްޔިތުންގެ ލާބައާއި މަންފާއަށް ކުރެވޭ ކަމަކަށް ސަރުކާރުން ވިޔަސް ހުރަސް އެޅުމަކީ އައްޑޫގެ އެއްވެސް ރައްޔިތަކު ބަލައިގަންނާނެ ކަމެއް ނޫނެވެ.

މީގެ ކުރިން ސަރުކާރުގެ ފަރާތުން ހާމަކޮށްފައިވާ ގޮތުގައި އައްޑޫގައި ޓޫރިޒަމްގެ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ސަރުކާރުން ރާވާފައިވާ އިރު އެގޮތުން އައްޑޫގެ ފަޅު ރަށްތަކާއި، ގޮނޑުދޮށްތަކާއި އަދި އެއާޕޯޓް ވެސް މިޕްރޮގްރާމް ތަކުގެ ތެރެއިން ތަރައްގީ ކުރެވިގެންދާނެ އެވެ.

އައްޑޫ އަކީ މާލެ ސަރަހައްދު ނެގުމަށްފަހު ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެއްވާ އެއް ސަރަހައްދު ކަމަށް ސަރުކާރުގެ އިސްވެރިން އަބަދުވެސް ވިދާޅުވަމުން ގެންދަވާ އިރު އެއީ އައްޑޫގެ ރައްޔިތުންނަށް ކުރައްވާ މަލާމާތެއް ގޮތުގައި ބައެއް މީހުން ވަނީ ސުވާލު އުފައްދާފައެވެ.

ފަހަރެއްގައި 5000 އެނދުގެ މަޝްރޫއު އައްޑޫގައި ހިންގުމަށް މި ސަރުކާރުން ބޭނުން ވަނީ ކުރީގެ ރައީސް ނަޝީދުގެ ވެރިކަމުގައި އައްޑޫގައި ސާކް ސަމިޓް ބޭއްވުމަށް މަސައްކަތް ކުރެއްވި ފަދައިން ކަމަށް ވުން ވެސް އެކަށީގެން ވެއެވެ. ނޫންނަމަ ސޯޝަލް މީޑިޔާގައި ބައެއް ފަރާތްތަކުން ބުނާ ގޮތަށް ޗައިނާ އިން އޯޑަރު ކޮށްގެން 5000 އެނދު އައްޑޫއަށް ގެންނަނީ ކަމަށް ވެސް ވެދާނެ އެވެ.އެގޮތް ވެސް އައްޑޫ ރައްޔިތުންނަށް ވަރިހަމަ އެވެ.