Last Updated: May 5, 13:23
Sunday, May 5, 2024
ޚަބަރު

ޗައިނާ ޓޫރިސްޓުންގެ އަދަދު 71،000 އިން މައްޗަށް

ރާއްޖެ އަށް މިހާރު އެންމެ ގިނަ ޓޫރިސްޓުން އަންނަ ޗައިނާ އިން މި އަހަރު ފެށުނު ފަހުން މިހާތަނަށް އައި ޓޫރިސްޓުންގެ އަދަދު 71،000 އިިން މައްޗަށް އަރައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މި މަހުގެ 9 އާ ހަމައަށް އެ ގައުމުން ޖުމްލަ 71،136 ޓޫރިސްޓުން ރާއްޖެ ޒިޔާރަތްކޮށްފައިވެ އެވެ. މިއީ މި އަހަރުގެ މިހާތަނަށް ޒިޔާރަތްކޮށްފައިވާ ޖުމްލަ ޓޫރިސްޓުންގެ 10.9 ޕަސެންޓެވެ.

މި މަހުގެ 9 އާ ހަމައަށް ރާއްޖެ އަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދަކީ 650،404 އެވެ.

ޗައިނާ އިން ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވަމުން އަންނަ އިރު، އެ ގައުމަކީ މިދިޔަ އަހަރު ތިން ވަނަ އެންމެ ގިނަ ޓޫރިސްޓުން އައި ގައުމެވެ.

މިހާރު ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން ތިން ގައުމަށް ބަލާ އިރު، ޗައިނާގެ ފަހަތުން ދެވަނައިގައި އޮތީ ރަޝިއާ އެވެ. ތިން ވަނައިގައި އޮތީ އިނގިރޭސިވިލާތެވެ. ރަޝިއާ އިން މިހާތަނަށް 65،898 ޓޫރިސްޓުން އައިސްފައިވާ އިރު، އިނގިރޭސިވިލާތުން 65،731 ޓޫރިސްޓުން އައިސްފައިވެ އެވެ.

ރާއްޖޭގެ މި އަހަރުގެ ޓާގެޓަކީ މަދުވެގެން 2.3 މިލިއަން ޓޫރިސްޓުން ގެނައުމެވެ.

މިދިޔަ އަހަރު ރާއްޖެ 1.8 މިލިއަނަށް ވުރެ ގިނަ ޓޫރިސްޓުން އައި އިރު، އެއް ވަނަ މާކެޓަކީ އިންޑިއާ އެވެ. ނަމަވެސް މި އަހަރު ފެށުނު ފަހުން އެ ގައުމުގެ ޓޫރިސްޓުން ވަނީ ވަރަށް ބޮޑަށް މަދުވެފަ އެވެ.