Last Updated: July 22, 10:31
Wednesday, July 22, 2026
މުނިފޫހިފިލުވުން

"ލަސްވިޔަސް" ގެ ޕްރީމިއާ މާދަމާ ރޭ

ރާއްޖޭގެ ކުޅަދާނަ ޑައިރެކްޓަރު މުހައްމަދު ނިޔާޒު (ޓެޑްރީ) ގެ ދެވަނަ ފީޗާ ފިލްމު "ލަސްވިޔަސް" މާދަމާ ރޭ އޮލިމްޕަހުގައި ޕްރީމިއާކުރަން ތައްޔާރުވެއްޖެ އެވެ.

މި އަހަރުގެ އެންމެ އުންމީދީ ދިވެހި ފިލްމުތަކުގެ ތެރޭގައި ހިމެނޭ މި ފިލްމަކީ އަސަރު ގަދަ ލޯބީގެ ފިލްމެކެވެ. ބޮޑު ކާސްޓެއް ފެންނާނެ "ލަސްވިޔަސް" ގެ މައިގަނޑު ތަރިންނަކީ އަހުމަދު އީސަ (އާނަންދު) އާއި ވާޝިޔާ މުހައްމަދުގެ އިތުރުން ކުރީގެ ބަތަލާ ނިއުމާ މުހައްމަދުގެ ދަރިފުޅު ޒޯޔާ ހަސަނެވެ.

"ލަސްވިޔަސް" ގެ ޕްރޮމޯޝަންގެ ތެރެއިން މިހާތަނަށް ފިލްމުގެ ތިން ޓްރެއިލާ އާންމުކޮށްފައިވެ އެވެ.

މި ފިލްމަކީ ރާއްޖޭގެ ސިނަމާ އަށް އިންގިލާބީ ބަދަލުތަކެއް ގެނުވައި ދިން 1994 ގެ "ދެރިޔާ" އަށް ފަހު ޓެޑްރީ ޑައިރެކްޓްކޮށް ގެނެސްދޭ ދެވަނަ ފީޗާ ފިލްމަށްވާތީ ފިލްމަށް ކުރެވޭ އުންމީދުތައް ވަރަށް ބޮޑެވެ.

"ލަސްވިޔަސް" ގެ ޝޯތައް ޖޫން މަހާ ހަމައަށް ކުރިއަށް ގެންދަން އޮލިމްޕަސް ނަގާފައިވާ އިރު، ފިލްމުގެ ޓިކެޓް އަންނަނީ ވިއްކަމުންނެވެ.

މި ފިލްމަކީ މި އަހަރު އޮލިމްޕަހަށް އަންނަ ފަސް ވަނަ ފިލްމެވެ. އެންމެ ފަހުން އެތަނުގައި ދެއްކީ މިދިޔަ މަހު ޑާކް ރެއިން އެންޓަޓައިންމަންޓްގެ ރިވެންޖް އެކްޝަން ތުރިލާ "ފުރޭތަ" އެވެ.