Last Updated: June 12, 22:51
Friday, June 12, 2026
ޚަބަރު

މާވަށުން 30 ހެކްޓަރުގެ ބިން ހިއްކާނެ: ރައީސް

ލ. މާވަށުން 30 ހެކްޓަރުގެ ބިން ހިއްކާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނު އެކަން އިއުލާން ކުރެއްވީ ލ. އަތޮޅަށް މިއަދު ފެއްޓެވި ދަތުރުގެ ތެރެއިން މާވަށު ރައްޔިތުންނާ އެކީ ބޭއްވި ބައްދަލުވުމުގަ އެވެ. ރައީސް ވިދާޅުވީ މާވަށުން ކުރިން ހިއްކަން އޮތީ 15 ހެކްޓަރު ކަމަށް ވިޔަސް މިހާރު ސަރުކާރުން ނިންމާފައި އޮތީ 30 ހެކްޓަރުގެ ބިން ހިއްކަން ކަމަށެވެ.

"ގިނަ ރަށްރަށުގައި ބިމެއް ނެތް. ބޯހިޔާވަހިކަމަށް ގޯތި ދޭން ނޫނީ މަޝްރޫޢު ހިންގަން ބިން ބޭނުން ވާނެ. ކުރިން އޮތީ ތިބޭފުޅުންނަށް 15 ވަރަކަށް ހެކްޓަރުގެ ބިން ހިއްކުން،" ރައީސް ވިދާޅުވި އެވެ. "ރައްޔިތުން ބޭނުން ވަނީ އިތުރުކުރަން އަދި އަޅުގަނޑު ވެސް ބޭނުމީ އެ ގޮތް. އިރާދަކުރެއްވިއްޔާ 30 ހެކްޓަރުގެ ބިން ހިއްކާނަން."

އަދި ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށް ގެންދާނީ މާވަށަށް ކުރިމަތިވާ އުދައެރުމުގެ މައްސަލަ އަށް ވެސް ހައްލެއް ލިބޭ ގޮތަށް ވިދާޅުވި އެވެ.

"މާވަށަށް ކުރިމަތިވާ އުދައެރުމުގެ މައްސަލައަށް ވެސް ހައްލެއް ލިބޭ ގޮތަށް އެ ސަރަހައްދު މި މަޝްރޫއުގެ ތެރެއިން ހިމާޔަތް ކުރެވިގެން ދާނެ." ރައީސް ވިދާޅުވި އެވެ.

އެ ރަށަށް ރައީސް ވެވަޑައިގެންނެވި އިތުރު ވައުދުތަކުގެ ތެރޭގައި މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމާއި ހައުސިން މަޝްރޫއުތަކެއް ހިންގުން ހިމެނެ އެވެ.