Last Updated: May 5, 21:32
Sunday, May 5, 2024
ރިޕޯޓް

ރޯދަ ރަހަ: އަލުވި ބޯކިބާ

* ބޭނުންވާ ތަކެތި:

3 ބޮޑު އަލުވި
2 ބޮޑު ފިޔާ
5 ހިކަނދިފަތް
1 ގިތެޔޮ މިރުސް (ނޫނީ ބޭނުން ވަރަކަށް)
1 ލުނބޯ
2 މަސް ދަޅު
1 ސައިސަމުސާ މުގުރި އަސޭމިރުސް
1 ސައިސަމުސާ ލޮނު (ނޫނީ ބޭނުން ވަރަކަށް)
2 ބިސް

* ތައްޔާރު ކުރާނެ ގޮތް:

1. ބޯކިބާ ފިހަން ބޭނުން ކުރާނެ ތަބައް ތައްޔާރު ކުރާށެވެ. ފުލުގައާއި އަރިމަތި ތަކުގައި ތެޔޮ ފޮދެއް އުނގުޅާލިއަސް ރަނގަޅުވާނެއެވެ. ނޫނީ އެލުމިނިއަމް ފޮއިލް އަޅައިގެންވެސް ތައްޔާރު ކުރެވިދާނެއެވެ.
2. އަވަން ހޫނު ކުރަން ޖައްސާށެވެ. 160 ޑިގްރީސް ސެލްސިއަސް އަށެވެ.
3. އަލުވިތައް މެށުމަށް ފަހު ކޮންމެ އަލުވިއެއް ހަތަރު ބަޔަށް ފަޅާލާށެވެ. އަލުވިތައް ތެއްޔަކަށް އަޅާފައި ތެލީގެ ތެރެއަށް ފެން އަޅާށެވެ. ފެން އަޅާނީ އަލުވިތައް އެއްކޮށް ފޮރުވޭ ވަރަށެވެ. ދެން އަލުވިތައް މަޑުވަންދެން ފެނު ކައްކާށެވެ. އުލެއް ބޭނުން ކޮށްގެން މަޑު ވެއްޖެތޯ ޓެސްޓު ކުރެވިދާނެއެވެ. އުނދަގުލަކާ ނުލާ އަލުވީގެ ތެރެއަށް އޫ ވަދެގެން ދަންޏާ އެހެރީ މަޑުވެފައެވެ. އަލުވި މަޑުވުމުން ފެންގަނޑުގެ ތެރެއިން ނަގާފައި އެއްޗަކަށް އަޅާފައި އެހަށް ބަހައްޓާށެވެ. އެއްޗަކަށް އަޅާފައި މިގޮތަށް ބެހެއްޓުމުގެ ކުރިން އަލުވިކޮޅު ފުރާނާލަންވެސް ވާނެއެވެ.
4. ކޮންމެ ފިޔައެއް ހަތަރު ފަޅިއަށް ފަޅާލާށެވެ. ދެން ނިކަން ތުނިކޮށް އެ ފަޅިތައް ކޮށާލާށެވެ.
5. ގިތެޔޮ މިރުހާއި ހިކަނދިފަތް ވެސް ތުނިކޮށް ކޮށާލާށެވެ.
6. ބޯތަށްޓަކަށް ފިޔާ، ހިކަނދިފަތް، އަދި ގިތެޔޮމިރުސް އަޅާށެވެ. ދެން ލުނބޯ އޭގެ ތެރެއަށް ފިތާލުމަށްފަހު އަތުން ނިކަން ރަނގަޅަށް މޮޑެލާށެވެ. މޮޑޭނީ ފިޔާތައް ޗަސްވަންދެނެވެ.
7. ދެން މަސްދަޅާއި، އަސޭމިރުހާއި، އަލުވި އަޅާފައި އަނެއްކާވެސް ރަނގަޅަށް މޮޑެލާނީއެވެ.
8. ރަހަ ބަލާލާފައި ބޭނުން ވާވަރަކަށް ލޮނު އަޅާލާށެވެ. އަހަރުމެން އެޅީ ސައިސަމުސަލެއްގެ ލޮނެވެ. މި ގަޑީގައި ބޭނުމިއްޔާ އިތުރަށް މިރުހާއި ލުނބޯވެސް އަޅާ ބޭނުން ގޮތަކަށް ރަހަ ހެޔޮވަރު ކުރެވިދާނެއެވެ. އަޅާ އެއްޗެއް އަޅާ ނިމުމުން ރަނގަޅަށް މޮޑެލާށެވެ.
9. ކުރިން ތައްޔާރު ކުރި ތަބަކުގެ ތެރެއަށް މޮޑުނު ތަކެތި އަޅާށެވެ. ކުޑަކޮށް މަތިވެސް އޮމާން ކޮށްލާށެވެ.
10. އެހެން ބޯތަށްޓެއްގައި ބިސްކޮޅު ގިރާލާށެވެ. ދެން ތަބަކުގައި ހުރި ތަކެތީގެ މައްޗަށް އޮއްސާލާށެވެ.
11. ހޫނު ކުރަން ޖެއްސި އަވަނުގެ މެދު ރެކުގައި ބައިންދައިގެން ބޯކިބާ ފިހާށެވެ. ފިހާނީ މައްޗާއި ތިރިއަށް ރަން މުށިކުލަ އަރަން ދެނެވެ. އަހަރުމެންގެ ބޯކިބާ ފިހެވުނީ 45 މިނެޓުންނެވެ. އެކި އަވަނުން ފިހެވޭ ގޮތް ތަފާތު ވުން އެކަށީގެން ވެއެވެ. މަތި ފިހަން މަތީ ރެކުގައި ބައިންދައިފައި ތިރި ފިހަން ތިރީ ރެކަށް ބަދަލު ކުރަންވެސް ޖެހިދާނެއެވެ.
12. ބޯކިބާ ފިހެވުނީމައި އެ ހިހޫ ވެލަން ބަހައްޓާށެވެ. ހިހޫ ވީމައި ތަބަކުން ނަގައި ކަފާލާށެވެ.

ރެސިޕީ: ލޮނުމެދު