Last Updated: May 2, 21:43
Thursday, May 2, 2024
ރިޕޯޓް

މި ޒަމާނުުގެ ރިބާ

ޖާބިރު ބިން ޢަބްދުالله ގެ ކިބައިން ރިވާވެގެންވެއެވެ. لَعَنَ رَسُولُ اللَّهِ ‏‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏‏ آكِلَ الرِّبَا وَمُؤْكِلَهُ وَكَاتِبَهُ وَشَاهِدَيْهِ وَقَالَ هُمْ سَوَاءٌ މާނައަކީ: ”ރިބާ ކާ މީހާއާއި، ރިބާ ދޭ މީހާއާއި، އެ ލިޔާ މީހާއާއި އެކަމަށް ހެކިވެރިވާ ދެމީހުންނަށް، ވެސް ރަސޫލު ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ލަޢްނަތް ލެއްވިއެވެ.” އަދި ވިދާޅުވިއެވެ: ”މި އެންމެންނަކީ ފާފައިގައި ހަމަހަމަ ބައެކެވެ.” (މުސްލިމް)

ލަޢުނަތް ލެއްވިއޭ ބުނެވޭ ބަހުގެ މާނައަކީ:

މާތްﷲ ގެ ރަޙްމަތްފުޅުން ދުރުކުރުމަށް އެދި ދެންނެވުމެވެ.

ރިބާގެ މުޢާމަލަތް ކުރާ މީހުންނަށް ރަސޫލާ صلى الله عليه وسلم މި ފަދައިން ދުޢާކުރައްވާފައި މި ވަނީ އެ ފާފައިގެ ބޮޑުކަމުން، އޭގެ ސަބަބުން މުޖްތަމަޢުއަށް ކުރާ ފަސާދައިގެ ބޮޑުކަމުންނެވެ. ފަޤީރުން ނިކަމެތިވެ މުއްސަނދިން އެތައްގުނައަކަށް މުއްސަނދިވެގެން ދާތީއެވެ.

ރިބާ އަކީ ކޮބާ؟

ރިބާގެ 2 ވައްތަރެއްވެ އެވެ.

ދަރަނިގެ ރިބާ: ދަރަނި ފުރުތަމަވެސް ދޭރިއިރު ދަރަނި އަދާ ކުރާ އިރު ދިންވަރަށް ވުރެއްވުރެ އިތުރަށް، ފަހުން ދައްކަން ބުނެ ދަރަނި ދިނުމެވެ. މިއީ ރިބަވީ ލޯނު ނުވަތަ އިންޓްރެސްޓް ހިމެނޭ ލޯނެވެ. މިސާލަކަށް: 10000 ރުފިޔާ ދީފައި 11000 ރުފިޔާ ފަހުން ދިނުމަށް ޝަރުތުކޮށް ދަރަނި ދިނުމެވެ.

މީގެ ތެރެއަށް ކޮންވެންޝަނަލް ބޭންކުތަކުގައިވާ ސޭވިންގްސް އެކައުންޓްތައް ވެސް ވަދެގެންދެއެވެ. ސޭވިންގްސް އެކައުންޓަށް ލިބޭ ފައިދާއަކީ ރިބާއެވެ. ވީމާ މިފަދަ އެކައުންޓްތައް ގެންގުޅުން ހުއްދައެއް ނުވާނެއެވެ.

އަދަ ހަމަ އެފައިން ކޮންވެންޝަނަލް ބޭންކުތަކުގައިވާ ކަރެންޓް އެކައުންޓަކީ ވެސް އެއަށް ރިބާގެ ފައިދާ ޖަމާ ނުވިނަމަވެސް ގެންގުޅުން ރަނގަޅު އެކައުޓްތަކެއް ނޫނެވެ. އެހެނީ މިފަދަ އެކައުޓަށް އަޅުގަނޑުމެން ފައިސާ ލުމުން އެ ފައިސާ ބޭނުންކޮށްގެން ބޭންކުން ރިބަވީ ލޯނު ދޫކުރަމުން ދާނެއެވެ. ވުމާއެކު އަޅުގަނޑުމެނަށް އޭރުން އެ އެހީ ވެދެވެނީ ރިބާވީ ލޯނު ދޫކުރުމަށެވެ. ފާފައެއް ކުރުމަށެވެ.

ވުމާއެކު އަޅުގަނޑުމެންގެ އެކައުންޓަކީ އިސްލާމިކް އެކައުޓެއްތޯ ޔަގީންކުރަން ޖެހެއެވެ. ނޫން ނަމަ ނޭނގި ނަމަވެސް މި ބޭނުންކުރެވެނީ ހަރާމް ފައިސާއެވެ. ހަރާމް މުދާ ބޭނުންކުރާ ޙާލު ކުރާ ދުޢާ ﷲ އިޖާބަ ނުކުރަށްވާނެ ކަމަށް އަދި ޙަރާމް މުދާ ކައިގެން ގައިގައި ޖަހާ މަސް އައުލާވެގެންވަނީ ނަރަކައަށް ކަމަށް އަޅުގަނޑުމެންގެ ނަބިއްޔާ صلى الله عليه وسلم ވަނީ ބަޔާންކުރައްވާފައެވެ.

ދަރަނި އަދާ ކުރުން ލަސްކުރުމުގެ ބަދަލުގައި ދަރަނި އިތުރު ކުރުމަކީ ވެސް ދަރަނީގެ ރިބާގެ ތެރެއަށް ވަންނަ ބާވަތެކެވެ. މިއީ ޖޫރިމަނާއެވެ. މިސާލަކަށް ބަލާނަމަ 1000 ރުފިޔާގެ ބިލެއް ދެއްކުން ލަސްވުމުން ނަގާ 100 ރުފިޔާގެ ޖޫރިމަނާއަކީ ރިބާއެވެ.

ވިޔަފާރީގެ ރިބާ: ރިބާ ހިނގާ އެއްޗެހިތަކުގެ ތެރެއިން، އެއް ބާވަތެއްގެ ދޭތި، އެކަތި އަނެއްކައްޗާ ބަދަލު ކުރާ އިރު، އެކަތި އަނެކައްޗަށް ވުރެ އިތުރަށް ދިނުމެވެ. އެ ބާވަތްތަކަކީ: ރަން، ރިހި، ގޮދަން، ހިމަގޮދަން، ކަދުރު، ލޮނެވެ.
ރަސޫލުﷲ ސައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “ރަނަށް ރަން، ރިއްސަށް ރިހި، ގޮދަނަށް ގޮދަން، ހިމަގޮދަނަށް ހިމަގޮދަން، ކަދުރަށް ކަދުރު އަދި ލޮނަށް ލޮނު ވިއްކާއިރު ވިއްކަންވާނީ ހަމަހަމައަށް އަތުން އަތަށެވެ. ފަހެ، މިބާވަތްތައް ތަފާތުކޮށް އަތުން އަތަށް ވިއްކާނަމަ، ތިޔަބައިމީހުން ބޭނުންގޮތަކަށް ވިއްކާށެވެ.”

އެހެންވީމާ މި ބާވަތުގެ މުދާ ބަދަލު ކުރެވޭނީ އަތުން އަތަށް، މިންވަރު ހަމަހަމަ ވާގޮތުގެ މަތިންނެވެ.

މިސާލަކަށް ރަން ބަދަލު ކުރާއިރު 10 ގްރާމްގެ ފަށެއް އެހެން 10 ގްރާމްގެ ރަނަށް ފަހުން ދޭގޮތަށް ބަދަލެއް ނުކުރެވޭނެއެވެ. އަދި ހަމަ އެގޮތަށް 10 ގްރާމްގެ ފަށެއް 11 ގްރަމްގެ ފަށަކަށް ބަދަލެއް ނުކުރެވޭނެއެވެ. އެ ފަށް ބަދަލުކުރަން ބޭނުން ނަމަ ޖެހޭނީ އެ ފަށް ވިއްކާލާފައި އިތުރު ފަށެއް ގަންނާށެވެ.

ރަނުގެ ޙުކުމް ފައިސާއަށް ވެސް ހިނގާނެއެވެ. އެއީ މިޒަމާނުގައި މުދާ ގަތުމަށް ބޭނުކުރާ ވަސީލަތައް ވާތީއެވެ. އެހެންވީމާ ރަނެކޭ އެއްގޮތަށް ފައިސާ ބަދަލުކުރާ އިރު، މިސާލަކަށް ޑޮލަރާއި ރުފިޔާ ބަދަލު ކުރާއިރު ބަދަލު ކުރަން ޖެހޭނީ އަތުން އަތަށް އެހެން ނޫން ނަމަ އެ މުޢާމަލާތް ވެގެންދާނީ ރިބަވީ މުޢާމަލާތަކަށެވެ.

އެގޮތުން އޮންލައިންކޮށް ރުފިޔާއާއި ޑޮލަރު ބަދަލުކުރާއިރުގައި ވެސް ޓްރާންސެކްޝަން ހިންގަންވާނީ އެއްފަހާއެވެ. އެއްވަގުތެއްގައެވެ.

އިސްލަމް ދީނަކީ ހަމައެކަނި އަޅުކަމުގެދީނެއް ނޫނެވެ. އެއީ ދިރުއުޅުމުގެ ހުރިހާ ކަމެއް ޝާމިލްވާ ދިރުއުޅުމުގެ ނިޒާމެކެވެ. އެކަލާނގެ ވަނީ އަޅުގަނޑުމެނަށް އަޅުކަން ކުރަންވީ ގޮތް ބަޔާންކުރެއްވުމުގެ އިތުރުން، ޢައިލީ އަދި މާލީ އެތަކެއް އުސޫލްތަކެއް ބަޔާންކޮށް ދެއްވާފަ އެވެ.
ވެރިކަން ހިންގާނެ ގޮތާއި މުޅި އިންސާނާގެ ހަޔާތުގެ އެންމެހައި ކަންކަން ބަޔާންކޮށް ދެއްވާފައެވެ. ވުމާއެކު އަޅުގަނޑުމެން އަޅުކަމަށް ސަމާލުކަން ދޭފަދައިން މާތްﷲ އެންގެވިގޮތަށް މުދާ ހޯދާ އަދި އެ މުދާ ހޭދަކުރުމަށް މަސައްކަތް ކުރަންޖެހެ އެވެ.

މަސްދަރު: އިލްމު.އެމްވީ