Last Updated: April 30, 10:06
Tuesday, April 30, 2024
ކުޅިވަރު

އެޓަލާންޓާ އަތުން ލިވަޕޫލަށް ބޮޑު ބައްޔެއް

ޔޫރޮޕާ ލީގުގެ ކުއާޓާފައިނަލްގެ ފުރަތަމަ ލެގުގައި ރޭ އެޓަލާންޓާ އަތުން 3-0 އިން ލިވަޕޫލް ބަލިކޮށްފި އެވެ.

މިއީ މިދިޔަ އަހަރުގެ ފެބްރުއަރީ އަށް ފަހު ލިވަޕޫލްގެ ދަނޑުގައި ކުޅުނު މެޗަކުން އެޓީމު ބަލިވި ފުރަތަމަ ފަހަރެވެ. ލިވަޕޫލުން ވަނީ އަމިއްލަ ދަނޑުގައި ބަލި ނުވެ 33 މެޗު ހަމަކޮށްފަ އެވެ.

މި މެޗުގެ ކުރީކޮޅު ލިވަޕޫލަށް ލީޑު ނަގައިދޭން ޑާވިން ނުނޭޒަށް ހުސް ފުރުސަތެއް ލިބުނު ނަމަވެސް އޭނާ ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒު ނުވެ ބޭރަށެވެ. މި މެޗުގައި ފެނިގެންދިޔަ ފުރަތަމަ ގޯލު މެޗުގެ 38 ވަނަ މިނެޓްގައި އެޓަލާންޓާ އަށް ކާމިޔާބުކޮށްދިނީ އެޓީމުގެ އިޓަލީ ފޯވާޑް ޖިއާންލޫކާ ސްކަމަކާ އެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ދެވަނަ ގޯލެއް ކާމިޔާބު ކުރަން އެޓަލާންޓާގެ ކޫޕްމައިނާސް އަށް ހުސް ފުރުސަތެއް ލިބުނު އިރު އޭނާ ފޮނުވާލި ހަމަލާ މަތަކުރީ ލިވަޕޫލްގެ ކީޕަރު ކެލަހާ އެވެ.

މި މެޗުގައި އެޓަލާންޓާ އިން ޖެހި ދެވަނަ ގޯލު މެޗުގެ 60 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ވެސް ސްކަމަކާ އެވެ. އޭނާ މި ގޯލު ކާމިޔާބު ކުރީ ލިވަޕޫލްގެ ޕެނަލްޓީއޭރިއާ ތެރޭ މުޅިން ހުހަށް ހުރެ ފޮނުވާލި ހަމަލާއަކުންނެވެ. މި ގޯލަށް ފަހު އެޓަލާންޓާ އިން ލިވަޕޫލްގެ ގޯލަށް ނުރައްކާ ކުރަމުންދިޔައިރު، އެޓީމުގެ ތިންވަނަ ގޯލު މެޗުގެ 83 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ މާރިއޯ ޕަސަލިޗް އެވެ.

މި ދެ ޓީމު އެޓަލާންޓާގެ ދަނޑުގައި ބައްދަލުކުރާ ދެވަނަ ލެގުގެ މެޗު އޮންނާނީ އަންނަ ހަފްތާގެ ބުރާސްފަތި ދުވަހުގެ ރެ އެވެ.