Last Updated: June 7, 22:00
Sunday, June 7, 2026
ޚަބަރު

އެޗްޕީއެލްގެ މުވައްޒަފުން ބޯނެ ފެނެއް ނެތް!

އެޗްޕީއެލްގެ އޮފީސް އިމާރާތުގައި މުވައްޒަފުން ކުލަ ލަނީ. ފޮޓޯ/ ކިއުންތެރިއެއް

ހިތަދޫ ޕޯޓް ލިމިޓެޑްގައި މަސައްކަތް ކުރަމުންދާ މުވައްޒަފުންނަށް މަސައްކަތް ކުރާ ގަޑީގައި ބޯފެން ފޯރުކޮށްދިނުމުގައި އެ ކުންފުނީގެ ވެރިން ނުކުޅެދިފައިވާ ކަމަށް ބުނެ މުވައްޒަފުން ނުރުހުންފާޅު ކުރަމުން އެބަގެންދެއެވެ.

"އައްޑޫ ލައިވް" އާ ވާހަކަ ދައްކަމުން އެޗްޕީއެލްގައި މަސައްކަތް ކުރާ މުވައްޒަފަކު ބުނި ގޮތުގައި މަސައްކަތު ގަޑީގައި ބޯފެން ލިބުމުގައި ދަތި ތަކެއް ކުރިމަތިވަމުންދާތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި ނަމަވެސް ކުންފުނީގެ ވެރިން އެކަމަށް ހައްލެއް ހޯދައި ދިނުމަށް ނޫޅުއްވާ ކަމަށެވެ.

"އަޅުގަނޑުމެން މެނޭޖެމެންޓާ ބައްދަލުކޮށް ބުނެފިން ބޯފެން ލިބޭނެ ގޮތް ހައްދަވައި ދެއްވާށޭ. އެކަމަކު އެކަމާ އެބޭފުޅުން އުޅުއްވާ ތަނެއް ނުފެނޭ."

އެޗްޕީއެލްގެ ބައެއް މުވައްޒަފުން ބުނިގޮތުގައި މަސައްކަތު ގަޑީގައި ބޯފެން ލިބުމުގައި ދަތިތަކެއް އުޅެނީ ބަޖެޓް ނެތިގެން ކަމަށް ވާހަކަ ދެކެވޭ ކަމަށެވެ. ނަމަވެސް ބަޖެޓް ނެތް ނަމަ އެޗްޕީއެލް އިމާރާތުގެ ކުލަ ބަދަލު ކުރުމަށް ފައިސާ ހޯދަނީ ކޮންތަނަކުން ތޯ އެމީހުން ވަނީ ސުވާލު އުފައްދާފައެވެ.

އެޗްޕީއެލް މުވައްޒަފުންނަށް ބޯފެން ލިބުމުގައި ދިމާވެފައިވާ ދަތި ތަކާއި ބެހޭ ގޮތުން މައުލޫމާތު ހޯދާލުމަށް 'އައްޑޫ ލައިވް' ކުރި މަސައްކަތް ، އެޗްޕީއެލްގެ އިސްވެރިން ފޯނަށް ޖަވާބު ނުދެއްވާތީ ވަނީ ކާމިޔާބު ވާގޮތް ނުވެފައެވެ.