Last Updated: May 3, 18:13
Friday, May 3, 2024
ޚަބަރު

ވީއައިއޭ: އިގުތިސާދީ ބަދަލުގެ ފުރިހަމަ ބައިވެރިއެއް

ވޭލާނާ އެއާޕޯޓުގެ އައު ޓާމިނަލް ނިންމުމަކީ ޤައުމުގެ އިޤްތިޞާދު ނަގާ ކޮޅަށް ޖެހުމަށް އެންމެ މުހިންމު މަސައްކަތް ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވީ، އެމަނިކުފާނު އިންތިހާބު ވުމަށް ފަހު އެ އެއާޕޯޓަށް ކުރެއްވި ޒިޔާރަތުގައެވެ. މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ދަށުން ހިންގާ ވެލާނާ އެއާޕޯޓަށް މިއަދު 58 އަހަރު ފުރޭއިރު، ރައީސްގެ މިވާހަކަކޮޅުންވެސް ޤައުމުގެ އިޤްތިޞާދާއި އެއާޕޯޓު ގުޅިފައި އޮތް މިންވަރު ހާމަވެގެން ދެއެވެ.

ކަޅާއި ހުދުގެ މާޒީން އުފަން ކުރުވި ޤައުމުގެ އެންމެ ބޮޑު އެއާޕޯޓު

މިއަދު ޤައުމުގެ އިޤްތިޞާދުގެ "ހިތް" ކަމުގައިވެފައިވާ ވެލާނާ އެއާޕޯޓު ޚިދުމަތް ރަސްމީކޮށް ފެށިގެން އައީ 1966 ގެ އެޕްރީލް މަހުގެ 12 ވަނަ ދުވަހުއެވެ. މިއީ ރާއްޖޭގެ އެވިއޭޝަން އިންޑަސްޓްރީގެ ފެށުން ކަމުގައި ބުނުމަކީ ގޯހެއް ނޫނެވެ. މި އެއާޕޯޓަށް ފުރަތަމަ ފްލައިޓެއް ޖެއްސީ 1962 ވަނަ އަހަރު އެޕްރީލް 10 ވަނަ ދުވަހުއެވެ. އެއީ އެއަރ ސިލޯންގެ ބޯޓެކެވެ. އެހައި ހިސާބުން ފެށިގެން އެކި މަރުހަލާތަކުގައި އެއާޕޯޓުގެ ޚިދުމަތް ފުޅާވާން ފެށިއެވެ.

އެގޮތުން ހުޅުލެ އެއާޕޯޓުގެ ގޮތުގައި ހުޅުވުނު އެއާޕޯޓު 1981 ވަނަ އަހަރު ނޮވެމްބަރު މަހު 11 ވަނަ ދުވަހު މާލެ އިންޓަނޭޝަނަލް އެއާޕޯޓަށް ބަދަލުވެގެންދިޔައެވެ. މި ބަދަލަކީ އޭރު 70 ގެ އަހަރުތަކުގައި ފެށިގެން ފުޅާވަމުން އައި ފަތުރުވެރިކަމާއެކު އެއާޕޯޓަށް ނުހަނު ބޮޑަށް އޭރު ބޭނުން ޖެހިފައިވާ ބަދަލެކެވެ. ހަމައެކަނި ނަމެއް ނޫނެވެ. އުމްރާނީ ވަސީލަތްތައް ޒަމާނީ ކުރެވި އެއާޕޯޓުގެ ޚިދުމަތް ފުޅާކުރެވިގެން ދިޔައެވެ.

އޭގެ ފަހުން އެއާޕޯޓުގެ ޚިދުމަތް ދިނުމަށް ވިޔަފާރިއެއް އުފެއްދުމުގެ މުހިންމުކަން ފެނި 1994 ވަނަ އަހަރު އެމްއޭއޭ އުފެދިގެން ދިޔައެވެ. އަދި މިހާރު މިއޮތް އެމްއޭސީއެލްއަށް އެކުނުންފުނި ބަދަލުވެގެން ދިޔައީ 2000 ވަނަ އަހަރު އޯގަސްޓު މަހުގެ 1 ވަނަ ދުވަހުއެވެ. މިއާއެކު އެކުންފުނީގެ ދަށުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު މިއަދު ހިންގަމުންދާއިރު، މިއީ ޤައުމުގެ މައި ދޮރާއްޓެވެ. އަދި ޤައުމަށް އެންމެ ބޮޑު އާމްދަނީއެއް ލިބުމުގެ މެދުވެރިޔާވެސްމެއެވެ.

އައު ޓާމިނަލަކާއި އެކު ޒަމަނީ އެއާޕޯޓަކަށް ބަދަލުވުމުގެ ފަހު މަރުހަލާގައި

ވެލާނާ އެއާޕޯޓު ތަރައްޤީގެ މަޝްރޫޢު އަކީ ދިވެހިންނަށް އައު ވާހަކައެއް ނޫނެވެ. އަދި އެއާޕޯޓު ތަރައްޤީ ކުރުމަށް ހިންމޭ މަޝްރޫޢުއަކީ މިހާތަނަށް ހިންގޭ މިފަދަ އެންމެ ބޮޑު އެއް މަޝްރޫޢުއެވެ. މިމަޝްރޫޢުގެ މުހިންމުކަން އެނގިގެންދާ އެންމެ ބޮޑު ހެއްކަކީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އެކަމަށް ދެއްވި އިސްކަމެވެ. އެގޮތުން ޓާމިނަލުގެ މަސައްކަތް 2025 ގައި ނިންމަން އޮތްވާ އެމަނިކުފާނު ވަނީ މިމަސައްކަތް އަވަސްކޮށް މިއަހަރު ޕީކް ސީޒަނަށް ޓާމިނަލް ހުޅުވުމަށް މަސައްކަތް ފަށާފައެވެ.

ވެލާނާ އެއާޕޯޓުގެ ތަރައްޤީގެ މަޝްރޫޢުއަކީ އަހަރަކު 7.5 މިލިއަން ފަތުރުވެރިންނަށް ޚިދުމަތް ދެވޭ ގޮތަށް ކުރިއަށް ގެންދެވޭ މަޝްރޫޢުއެކެވެ. ދެ ފަންގިފިލާއަށް ހުންނަ ޒަމާނީ ފެންވަރުގެ އާ ޓާމިނަލްގައި 78،000 އަކަމީޓަރުގެ ޖާގަ ހުންނާނެ އެވެ. މިއާއެކީ މިހާރުގެ ޓާމިނަލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމުގެ މައްސަލަ ހައްލު ވެގެން ދާނެ އެވެ. އޭގެ އިތުރުން އެއިރޯ ބޯޑިން ބްރިޖުތަކާއި "ސްޓޭޓް-އޮފް-ދި-އާޓް" ބެޖޭޖް ހޭންޑްލިން ސިސްޓަމްތަކާއި، އެފްއެންބީ އައުޓްލެޓްތަކުގެ އިިތުރުން ލޯންޖުތަކާއި އެހެނިހެން ހިދުމަތްތައް ހުންނާނެ އެވެ.

މީގެ އިތުރުން މިހާރު ހުޅުވައި ބޭނުން ކުރަމުންދާ އައު ރަންވޭ އަކީ މިހާރު ދަތުރު ކުރާ އެންމެ ބޮޑު ބޯޓު ފަހަރު ޖެއްސޭ ރަންވޭއެކެވެ. މި ރަންވޭއަށް އޭ-380 ފަސޭހަ ކަމާއެކު ޖައްސާލެވޭނެއެވެ. މީގެ އިތުރުން މިހާރު ބޭނުން ކުރަމުންދާ އައު ފިއުލް ފާމާއެކު ފިއުލިން ކެޕޭސިޓީ މިހާރަށް ވުރެ 3 ގުނަ އިތުރުވެއެވެ. މީގެ އިތުރުން އައު ވީއައިޕީ އަދި ސީއައިޕީ ޓާމިނަލަކީވެސް މަޝްރޫޢަށް އިތުރު ފުރިހަމަ ކަމެއް ގެނުވި ކަމެކެވެ.

ރައީސް ތަޞައްވުރަކީ އެއާޕޯޓު ދުނިޔޭގެ ނިސްބަތުންވެސް ފާހަގަކޮށްލެވޭ އެއާޕޯޓަކަށް ހެދުން

މިއީ މިހާރުވެސް ބޭނުން ކުރަމުންދާ ނުވަތަ ހިންގަމުންދާ މަޝްރޫޢުތަކެވެ. ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ތަޞައްވަރު އަދި މިއަށް ވުރެ ފުޅާއެެވެ. އެމަނިކުފާނު މި އަހަރުގެ ޖެނުއަރީ މަހު އާންމު ކުރެއްވި މާސްޓަރ ޕްލޭނަކީ މުޅި ޤައުމުގެ މައި ދޮރާށި އެއްކޮށް ބަދަލުކޮށްލާނެ ބިޔަ އަދި ބޮޑު މަޝްރޫޢުއެކެވެ.

މި މަޝްރޫޢު ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ ކުރިޔަށް އޮތް 20 އަހަރަށް ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ސިނާޢަތް އޮންނާނެ ގޮތުގެ މާސްޓާ ޕްލޭނެއްގެ ދަށުންނެވެ. މި މަޝްރޫއު ނިމިގެންދާއިރު ވީއައިއޭ އިން އަހަރަކު 25 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ކަމަށް އެމްއޭސީއެލް އިން ބުނެ އެވެ.

ޔޫރަޕިއަން ޔޫނިއަން އޭވިއޭޝަން ސޭފްޓީ މިންގަނޑުތަކަށް ފެތޭ ފެންވަރަށް ތަރައްގީ ކުރަން ހަމަޖެހިފައިވާ މި މަޝްރޫޢުގެ ދަށުން ޑޮމެސްޓިކް ޓާމިނަލް 35000 އަކަ މީޓަރުގެ ސަރަޙައްދަކަށް ބޮޑު ކުރެވޭނެ ކަމަށް އެމްއޭސީއެލް އިން ބުނެ އެވެ. އެއާއެކު ގަޑިއަކު 2000 ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެ ކަމަށާއި ޑޮމެސްޓިކް ފްލައިޓްތަކަށް 8 ގޭޓު ހުންނާނެ ކަމަށްވެސް އެމްއޭސީއެލް އިން ބުނެ އެވެ.

މީގެއިތުރުން ވީއައިއޭ ކައިރީ އޮތް ފުނަދޫގައި އެއާޕޯޓު އިކޮނޮމިކް ޒޯނެއް ތަރައްގީ ކުރުމަށް ވެސް ހަމަޖެހިފައިވާއިރު، ވީއައިއޭގެ ކާގޯ ޓާމިނަލްގެ ކެޕޭސިޓީ 300،000 މެޓްރިކް ޓަނަށް އިތުރުކުރުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ. އަދި ޖެޓްތަކަށް ހާއްސަ ޓާމިނަލެއް ވެސް ތަރައްގީ ކުރަން ވަނީ ހަމަޖެހިފަ އެވެ.

ވެލާނާ އެއާޕޯޓުގެ 58 އަަހަރުގެ ދިގު ތާރީހުގައިވެސް ބޮޑެތި ބަދަލުތަކެއް މިވަނީ އައިސްފައެވެ. އަދި ކުރިއަށްވެސް އޮތީ ބޮޑެތި ބަދަލުތަކެއް ފެނިގެންދާނެ އަހަރުތަކެވެ. ޤައުމުގެ އިޤްތީޞާދު ކޮޅަށް ޖެހުމަށް އެއާޕޯޓު މަޝްރޫޢު މުހިންމު ކަމަށް ރައީސުލްޖުމުހޫރިއްޔާ ވިދާޅުވެފައިވަނީ މި ސަބަބުތަކަށްޓަކައެވެ.