Last Updated: May 2, 21:43
Thursday, May 2, 2024
ޚަބަރު

އެންމެ އިސްކަން ދޭން ޖެހެނީ ނަމާދު ކުރުމަށް: ހުތުބާ

ނަމާދު ވަގުތު ޖެހުމުން، އެންމެ އިސްކަން ދޭންޖެހެނީ ނަމާދު ކުރުން ކަމުގައި ހަދަންޖެހޭ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

މިއަދުގެ ހުކުރު ޚުތުބާގައި ބުނީ، ތުއްތު އިރުން ފެށިގެން ކުދިން ނަމާދަށް އަހުލުވެރި ކުރުވުމަކީ މައިންބަފައިންގެ ބޮލުގައި އެޅިފައިވާ މަސްއޫލިއްޔަތެއް ކަމަށާއި އެންމެ ތުއްތުއިރުން ފެށިގެން ގޭތެރެއިން ނަމާދު ކުރާ މަންޒަރު ކުދިންނަށް ފެންނަ ނަމަ، ނަމާދު ކުރުމަށް އާދަވާނެ ކަމަށެވެ. އެންމެ ފުރަތަމަ ނަމާދުގެ ހަރަކާތްތައް ކުދިން ދަސްކުރާނެ ކަމަށާއި އެއަށްފަހު ބަސްމޮށުންތެރިކަން އައުމުން ނަމާދުގައި ކިޔާ ތަކެތި ދަސްކުރަން ކުދިން މަސައްކަތް ކުރާނެ ކަމަށް ވެސް ޚުތުބާގައި ބުންޏެވެ.

ޚުތުބާގައި ބުނީ، ބަންގި ގޮވާ އަޑު އިވުމުން "ދަރިފުޅާ، ނަމާދަށް ދާށޭ" ބުނުމުގެ ބަދަލުގައި ދަރިފުޅާއެކު ނަމާދު ކުރާ ބައެއް ކަމުގައި ބެލެނިވެރިން ވާންޖެހޭ ކަމަށެވެ. އަދި ނަމާދު ވަގުތު ޖެހުމުން އެންމެ އިސްކަން ދޭން ޖެހޭނީ ނަމާދަށް ކަމަށާއި ދަރިންގެ ހިތުގައި މިސްކިތަށް ލޯބި ޖެއްސުމާއި ނަމާދަށް ޝައުގުވެރި ކުރުވުމަކީ އެންމެންގެ ޒިންމާއެއް ކަމަށްވެސް ބުނެފައިވެ އެވެ. އަދި ނަމާދަކީ ތިމާ ކުރަން ޖެހޭ އެހެން ހުރިހާ ކަމެއް ނިމުމުން، ކުރަންޖެހޭ ކަމެއް ކަމުގައި އިހުސާސް ކުރެވޭ ގޮތަށް ދަރިންނަށް މަގު ދައްކައިގެން ނުވާނެ ކަމަށް ބުނެފައިވެ އެވެ.

މީގެއިތުރުން މިސްކިތުގެ އަދަބުތައް އެކުދިންނަށް ދަސްކޮށްދިނުމާއި، ސަފުގައި ހުއްޓި ހުންނަންވާ ގޮތް ކުދިންނަށް ކިޔައިދިނުމަކީ، މިސްކިތުގެ ޖަމާއަތަށް ހާޒިރުވާ ބޮޑެތި މީހުންގެ ފަރާތުން ލިބިދޭންޖެހޭ އިރުޝާދެއް ކަމަށް ހުކުރު ހުތުބާގައި ބުނެފައިވެ އެވެ.