Last Updated: May 5, 08:56
Sunday, May 5, 2024
ޚަބަރު

ހަންކެޑެ މަޝްރޫއު މި މަހު 15 ގައި ފަށަނީ

އައްޑޫ ހަންކެޑެ ތަރައްގީ ކުރުމުގެ މަޝްރޫއު މި ސަރުކާރުން ނުފަށައި ލަސްކުރަމުންދާތީ އެމްޑީޕީން އެ ވާހަކަ ދެއްކުމުން އަންނަ ހަފުތާގައި އެ މަޝްރޫއުގެ މަސައްކަތް ސަރުކާރުން ފަށަން އުޅޭކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށް އެމްޑީޕީެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެ އެވެ.

މި މަހު ބާއްވާ މަޖިލިސް އިންތިހާބު ކެމްޕޭނަށް އެ ޕާޓީގެ ލީޑަޝިޕުން އައްޑު އަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން ރޭ ފޭދޫގައި ބޭއްވި ޖަލްސާގައި އެމްޑީޕީގެ ޗެއާޕާސަން ވިދާޅުވީ މި މަހުގެ 15 ވަނަ ދުވަހު ހަންކެޑެ މަޝްރޫޢު ކުރިއަށް ގެންދަން ފަށާކަން އެނގިވަޑައިގަންނަވާފައިވާ ކަމަށެވެ.

ފައްޔާޒް ވިދާޅުވީ ހަންކެޑެއިގެ މަސައްކަތް ނުފަށައިގެން އެ ވާހަކަ އެމްޑީޕީން ދައްކައިގެން ކަމަށް ވިޔަސް ސަރުކާރުން މިހާރު އެކަމާ އުޅެން ފެށުމަކީ އުފާކުރާ ކަމެއް ކަމަށެވެ. އެކަމަކު މިއީ ދަނޑިވަޅުގައި ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވަން ކުރާ ކަމަކަށް ވެގެން ނުވާނެ ކަމަށް ވިދާޅުވި އެވެ.

އިންޓަގްރޭޓެޑް ޓޫރިޒަމަށް ހާއްސަކޮށްގެން ހަންކެޑެ ތަރައްގީކުރަން މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން ކޮމްޕެނީ (އެމްއެފްއެމްސީ) އާއި ޗައިނާ ނޭޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން (ސީއެންއީސީސީ) އާ ދެމެދު ސޮއިކުރީ މިދިޔަ އަހަރުގެ މާޗް 30 ގަ އެވެ. އެތަން ތަރައްގީ ކުރަން ހަމަޖެއްސީ ބޭންކް އޮފް ޗައިނާ އިން 145 މިލިއަން ޑޮލަރު (2.2 ބިލިއަން ރުފިޔާ) ގެ ލޯނެއް ނަގައިގެންނެވެ.

މި ޕްރޮޖެކްޓްގައި ޖުމްލަ 1،041 ކޮޓަރި ހިމެނެ އެވެ.

މި ޕްރޮޖެކްޓް ލޯން ދޭ ޗައިނާގެ ބޭންކާ އެކީ އެމްއެފްއެމްސީން ސޮއިކުރީ ވެރިކަން ނިމެން އުޅެނިކޮށް އެ ކުންފުނީގެ ޓީމެއް ޗައިނާ އަށް ގޮސް ކަމަށް ފައްޔާޒް ވިދާޅުވި އެވެ. އެހެންވެ ހަންކެޑެ ޕްރޮޖެކްޓަކީ ފައިސާ ހަމަޖެހި ހުރިހާ ކަމެއް ތައްޔާރީގައި އޮތް މަޝްރޫއެއް ކަމަށް ވިދާޅުވި އެވެ.

މިދިޔަ މަހުގެ ތެރޭގައި މި ޕްރޮޖެކްޓާ ގުޅޭ ގޮތުން ސީއެންއީސީސީގެ އިސްވެރިންގެ ޓީމެއް އައްޑު އަށް ވަޑައިގެން އައްޑޫ ސިޓީ ކައުންސިލާ އެކީ މަޝްވަރާތަކެއް ކުރި އެވެ. އެ މަޝްވަރާ ބައްދަލުވުމާ ގުޅޭ ގޮތުން މޭޔަރު އަލީ ނިޒާރު ވިދާޅުވެފައި ވަނީ މި މަހުގެ ތެރޭގައި މަސައްކަތް ފަށަން ކުންފުނިން މޮބިލައިޒްވާން ފަށާނެކަމުގެ މައުލޫމާތު ސީއެންއީސީސީން ހިއްސާކުރި ކަމަށެވެ.