Last Updated: May 4, 23:07
Sunday, May 5, 2024
ޚަބަރު

އިންޑިއާ ސިފައިންގެ ދެވަނަ ބެޗް ވެސް ހިނގައްޖެ

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވައިލަން ކުރިއަށް ގެންދާ މަސައްކަތުގެ ތެރެއިން ސިފައިންގެ ދެވަނަ ބެޗް ވެސް އެނބުރި އިންޑިއާ އަށް ގޮސްފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މަޖިލިސް ކެމްޕޭނަށް އިއްޔެ އައްޑު އަށް ވަޑައިގެން ރޭ ހިތަދޫގައި ބޭއްވި ޖަލްސާގައި އެ މަނިކުފާނު ވިދާޅުވީ ރައްޔިތުން މި ސަރުކާރަށް ވޯޓް ދިނީ އައްޑޫގައި ތިބި އިންޑިއާ ސިފައިން ބާލަން ކަމަށާއި އެކަން ވައުދުވި ގޮތަށް ކުރަަމުން އަންނަ ކަމަށެވެ، އެގޮތުން ދެވަނަ ޕްލެޓް ފޯމުގައި ތިބި ސިފައިން ވެސް ރާއްޖެއިން ފައިބާފައިވާ ކަމަށް ވިދާޅުވި އެވެ.

"ފެބްރުއަރީ މަހުގެ ތެރޭގައި ފުރަތަމަ ޓީމު ފައިބާފަ ވަނީ. މިހާރު، މި މަހުގެ ނުވައެއްގައި އެ ވަނީ ދެވަނަ ޕްލެޓްފޯމުގައި ތިބި ސިފައިން ފައިބާފައި. ފުރަތަމަ ދުވަހު އެއްބަސްވި ގޮތަށް އެކަން އެ ހިނގަނީ." ބެޗްގައި ހިމެނޭ ސިފައިންގެ އަދަދު ހާމަނުކުރައްވައި ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ކުރިން ވިދާޅުވި މިހާރު ހަމަޖެހިފައި އޮތް ގޮތަށް ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ފަހު ބެޗް އަންނަ މަހުގެ ރާއްޖެ އިން ފައިބާނެ ކަމަށެވެ. އަދި އެއާ އެކީ އިންޑިއާ ސިފައިން ބޭލުމަށް ވީ ވައުދު ފުއްދުނީ ކަމަށް ވެސް ވިދާޅުވިއެވެ.

އެހެންނަމަވެސް ދެވަނަ ބުރު ބޭލީ ކިތަށް ސިފައިންކަމެއް އަދި ކޮން ޕްލެޓް ފޯމުގައި ތިބި ސިފައިންކަމެއް ރައީސް މުއިއްޒެއް ވިދާޅެއް ނުވެއެވެ.

ސަރުކާރުން ބުނެފައިވާ ގޮތުގައި ރާއްޖޭގައި އިންޑިއާގެ 88 ސިފައިން ހަރަކާތްތެރިވަމުން ގޮސްފައިވެ އެވެ. އެ މީހުންނަކީ އިންޑިއާ އިން ހަދިޔާކޮށްފައިވާ ހެލިކޮޕްޓަރުތަކާއި ޑޯނިއާ މަތިންދާބޯޓްގެ އޮޕަރޭޝަނަށާއި އޭގެ މެއިންޓަނަންސަށް ތިބި މީހުންނެވެ.