Last Updated: May 2, 21:43
Thursday, May 2, 2024
މުނިފޫހިފިލުވުން

ޓެޑްރީގެ "ލަސްވިޔަސް" ޕްރީމިއާކޮށްފި

މުހައްމަދު ނިޔާޒު (ޓެޑްރީ) ޑައިރެކްޓްކުރި ދެވަނަ ފީޗާ ފިލްމު "ލަސްވިޔަސް" ރޭ އޮލިމްޕަހުގައި ޕްރީމިއާކޮށްފި އެވެ.

މި ފިލްމަކީ އޭނަ ލިޔެ، ޕްރޮޑިއުސްކޮށް އަމިއްލަ ފިލްމު ސްޓޫޑިއޯ އިޓާނަލް ޕިކްޗާސް އިން ބެލުންތެރިންނަށް ގެނެސްދިން ދެވަނަ ފީޗާ ފިލްމެވެ. އެ ސްޓޫޑިއޯގެ ފުރަތަމަ ފިލްމަކީ ސްކްރީން ރައިޓަރު މަހުދީ އަހުމަދު ޑައިރެކްޓްކުރި 1997 ގެ "އަމާނާތް" އެވެ.

އަސަރު ގަދަ ލޯބީގެ ވާހަކައަކަށް ހަދާފައިވާ "ލަސްވިޔަސް" އަކީ 1994 ގެ "ދެރިޔާ" އަށް ފަހު ޓެޑްރީ ޑައިރެކްޓްކޮށް، ބެލުންތެރިންނަށް ގެނެސް ދެވަނަ ފިލްމެވެ. ބޮޑު ކާސްޓެއް ފެންނާނެ "ލަސްވިޔަސް" ގެ މައިގަނޑު ތަރިންނަކީ އަހުމަދު އީސަ (އާނަންދު) އާއި ވާޝިޔާ މުހައްމަދުގެ އިތުރުން ކުރީގެ ބަތަލާ ނިއުމާ މުހައްމަދުގެ ދަރިފުޅު ޒޯޔާ ހަސަނެވެ.

"ލަސްވިޔަސް" ގެ ޝޯތައް ޖޫން މަހާ ހަމައަށް ކުރިއަށް ގެންދަން އޮލިމްޕަސް ނަގާފައިވާ އިރު، ފިލްމުގެ ޓިކެޓް އަންނަނީ ވިއްކަމުންނެވެ.

މި ފިލްމަކީ މި އަހަރު އޮލިމްޕަހަށް ގެނައި ފަސް ވަނަ ފިލްމެވެ. އެންމެ ފަހުން އެތަނުގައި ދެއްކީ މިދިޔަ މަހު ޑާކް ރެއިން އެންޓަޓައިންމަންޓްގެ ރިވެންޖް އެކްޝަން ތުރިލާ "ފުރޭތަ" އެވެ.