Last Updated: May 4, 23:07
Sunday, May 5, 2024
ޚަބަރު

ހަންކެޑެ ޕްރޮޖެކްޓް ވަރަށް އަވަހަށް ފަށާނެ: ރައީސް

އިންޓަގްރޭޓެޑް ޓޫރިޒަމަށް ހާއްސަކޮށްގެން ތަރައްގީ ކުރަން ނިންމާފައިވާ އައްޑޫ ހަންކެޑެ މަޝްރޫއުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މަޖިލިސް ކެމްޕޭނަށް އިއްޔެ އައްޑު އަށް ވަޑައިގެން ހިތަދޫގައި ރޭ ބޭއްވި ޖަލްސާގައި ރައީސް ވަނީ ފުރަތަމަ ފަހަރަށް ހަންކެޑެ މަޝްރޫއާ ބެހޭ ގޮތުން ވާހަކަ ދައްކަވައިފަ އެވެ.

ހަންކެޑެ ތަރައްގީކުރަން ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވަނީ މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން ކޮމްޕެނީ (އެމްއެފްއެމްސީ) އާއި ޗައިނާ ނޭޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން (ސީއެންއީސީސީ) އާ ދެމެދު ސޮއިކުރީ މިދިޔަ އަހަރުގެ މާޗް 30 ގަ އެވެ.

އެތަން ތަރައްގީ ކުރަން ހަމަޖެއްސީ ބޭންކް އޮފް ޗައިނާ އިން 145 މިލިއަން ޑޮލަރު (2.2 ބިލިއަން ރުފިޔާ) ގެ ލޯނެއް ނަގައިގެންނެވެ. މި ޕްރޮޖެކްޓްގައި ޖުމްލަ 1،041 ކޮޓަރި ހިމެނެ އެވެ.

މަރަދުއާ އިންވެގެން އޮންނަ ހަންކެޑެ ތަރައްގީ ކުރުމަށްޓަކައި އެ ރަށާއި ގައުކެނޑި ގުޅުވައިދޭ ބްރިޖް ވެސް ބަދަލުކުރަން ފެށި މަސައްކަތް މިހާރު އޮތީ އެއްކޮށްހެން ނިމިފަ އެވެ. ގައުކެނޑި އާއި މަރަދޫ ގުޅޭ ގޮތަށް ބްރިޖްގެ މަސައްކަތް ކުރަނީ އިންޑިއާގެ އެފްކޮންސްއިންނެވެ.

މި މަޝްރޫއުގެ މަސައްކަތް ސަރުކާރުން ވީހާ ވެސް އަވަހަކަށް ފަށައި ދޭން އިދިކޮޅު އެމްޑީޕީން ތަކުރާރުކޮށް ސަރުކާރުން ގޮވާލަމުން ދަނިކޮށް، ރައީސް ރޭ ވިދާޅުވީ އެ މަޝްރޫއު އޮތީ އަމަލީ މަސައްކަތް ފެށޭ ހިސާބުގައި ކަމަށެވެ.

"ހަންކެނޑެ މަޝްރޫއު އޮތީ މިހާރު އަމަލީ މަސައްކަތް ފެށޭ ހިސާބުގައި. ވަރަށް އަވަހަށް އަމަލީ މަސައްކަތް ފެށިގެން ދާނެ. ދެހާސް އަށްޑިހަ އެނދުގެ މަޝްރޫއެއް އެއީ. އެެމްޑީޕީ ސަރުކާރުން ދެހާސް އެކާވީހުގައި މި ވާހަކަ ދައްކަން ފެށި. މިދިޔަ އަހަރު ނިމުނު އިރު ވެސް އެ މަސައްކަތެއް ނުފެށުނު،" ރައީސް ވިދާޅުވި އެވެ. "އަޅުގަނޑުމެން ތަރައްޤީ ގެނެސްދޭނީ އަމަލީ ގޮތުން. ވާހަކައެއްގެ ގޮތުގައި ފޮތެއްގައި ހަމައެކަނި ލިޔެގެން ތަރައްޤީއެއް ނުގެނެސްދޭނަން."

ރައީސް ވިދާޅުވީ ހަންކެޑެ ޕްރޮޖެކްޓް ނިމޭ އިރު، 1،980 ވަރަކަށް ވަޒީފާގެ ފުރުސަތު ވެސް އައްޑޫން ހުޅުވިގެން ދާނެ ކަމަށެވެ.