Last Updated: May 5, 10:00
Sunday, May 5, 2024
ޚަބަރު

މާލެއާ އެއްވަރަށް އައްޑޫ ތަރައްގީ ކުރަން ބޭނުން

ރާއްޖޭގައި މިހާތަނަށް އެންމެ ބޮޑު ތަރައްގީއެއް އައިސްފައިވާ ވެރިރަށް މާލެއާ އެއް ފެންވަރަށް އައްޑޫ ވެސް ތަރައްގީ ކުރަން ބޭނުންވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މި މަހު ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ކެމްޕޭނަށް އައްޑު އަށް އިއްޔެ ވަޑައިގެން ރޭ ހިތަދޫގައި ބޭއްވި ޖަލްސާގައި އެ މަނިކުފާނު ވިދާޅުވީ ދެމެހެއްޓެނިވި ތަރައްގީ ހާސިލު ކުރެވޭނީ ދެކުނާއި އުތުރުގެ ހަތަރު އަތޮޅު އަދި މެދުއަތޮޅުތަކުގެ ހަތް އަތޮޅު ޒޯނެއް ގޮތަށް ތަރައްގީ ކުރެވިގެން ކަމަށެވެ.

އެގޮތުން ދެކުނުގެ ހަތަރު އަތޮޅުގެ މައި ހަބަކީ އައްޑޫ ކަމަށާއި އެ ސިޓީގެ ތަރައްގީއަށް އެމަނިކުފާނުގެ މެނިފެސް ގައި މުހިންމު ކަންތައްތަކެއް ހިމަނާފައިވާ ކަމަށް ވިދާޅުވި އެވެ. އެއީ ޕްލޭންށް ލިޔެފައިވާ މަޝްރޫއެއް ކަމަށާ އެއީ ހަގީގަތަކަށް ހެދޭނެ މަޝްރޫއުތަކެއް ކަމަށް ވެސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އައްޑޫ ރައްޔިތުންނަކީ ތަރައްގީގެ އުންމީދުގައި "ދެބަދޭތެރޭގައި" ތިބޭ ބަޔަކަށް ވުމަށް އެދިވަޑައިނުގަންނަވާ ކަމަށާއި ހަގީގީ މާނާގައި ތަރައްގީ ގެނެސް އައްޑު އަކީ ހަގީގީ ސިޓީއަކަށް ހަދަން ބޭނުންވެވަޑައިގަންނަވާ ކަމަށެވެ.

"އަޅުގަނޑު ބޭނުން ވަނީ މާލޭގެ ތަރައްގީ، މާލޭގައި ކުރިއަށް ގެންދާ ހުރިހާ މަޝްރޫއުތަކެއް މާލެއާ އެ ފެންވަރުގައި ހުރިހާ ކަމެއް ވެސް ސިއްހީ ނިޒާމު ވެސް ތައުލީމީ ނިޒާމު ވެސް ގެދޮރުވެރިކަން ވެސް މާލެއާ އެއްފެންވަރަކަށް އަދި އެއަށްވުރެ ވެސް ރަނގަޅަށް ތަރައްގީވެފައި އޮންނަ ތަނަކަށް މި ސިޓީ ހަދައި ދިނުން." ރައީސް ވިދާޅުވި އެވެ.

"އައްޑޫ ބަދަލަކަށް" ގެ ނަމުގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ އެ މަނިކުފާނުގެ ވެރިކަމުގެ އެންމެ ކުރީކޮޅު ހިންގާ އެންމެ ބޮޑު މަޝްރޫއު ވެސް ހިންގަން ހަމަޖެހިފައި ވަނީ އައްޑޫގައި ކަމަށެވެ.

އެއީ ހުޅުމީދު އާއި ހިތަދޫ ގުޅައިލާ ބްރިޖެވެ. ރައީސް ވިދާޅިވީ އެ މަޝްރޫއުގެ މަސައްކަތް ފެށުމަށް ކަނޑުއަޑީގެ ސާވޭ ނިމި ޑިޒައިންގެ ތިންބައިކުޅަ އެއްބައިގެ މަަސައްކަތް މިހާރު ނިމިފައިވާ ކަމަށާ މި އަހަރު އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވާނެ ކަމަށެވެ.

"މި އަހަރު ނިމުމުގެ ކުރީގައި އެ ބްރިޖް އަމަލީ ގޮތުން ފަށާނަން އިރާދަކުރެއްވިއްޔާ. އެއީ ކީއްވެގެން، އަޅުގަނޑު ބޭނުން މި ދައުރުގެ ތެރޭގައި އެ ބްރިޖު ނިންމަން." ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ އައްޑޫގެ ތަރައްގީ އަށް އެ މަނިކުފާނު ގެންގުޅުއްވާ ޕްލޭންތަކާއި ތަސައްވުރުގެ ހަގީގަތަކަށް ހެދުމަށް ރައްޔިތުންގެ އެހީތެރިކަމާއި އެއްބާރުލުން ބޭނުންވެ އެވެ. އެގޮތުން މަޖިލީހަށް ސަރުކާރު ކެންޑިޑޭޓުން ހޮވައި ދެއްވުމަށް ތަކުރާރުކޮށް އެދިވަޑައިގެންނެވި އެވެ.