Last Updated: May 2, 21:43
Friday, May 3, 2024
މުނިފޫހިފިލުވުން

ރަޖްނީކާންތު "ހުކުމް" އަށް ތައްޔާރު ވަނީ

މިދިޔަ އަހަރު ރިލީޒްކުރި ރަޖްނީކާންތުގެ ކާމިޔާބު ފިލްމު "ޖެއިލާ" ގެ ސީކްއެލްގެ ނަމަކީ "ހުކުމް" ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ ފިލްމުގެ ޑައިރެކްޓަރު ނެލްސަން ދިލިޕްކުމާރު މިހާރު ސްކްރިޕްޓް އިތުރަށް ޕޮލިޝްކުރަމުން އަންނަ އިރު، ޝޫޓިން ފެށުމުގެ ތައްޔާރީތައް އަންނަ ޖޫން މަހުގެ ތެރޭގައި ފަށާނެ ކަމަށެވެ. ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު "ޖެއިލާ" އަކީ އެކްޝަން ކޮމެޑީއެކެވެ.

މިދިޔަ އަހަރުގެ އޮގަސްޓް 10 ގައި ރިލީޒްކުރި ފިލްމަށް ބޮކްސް އޮފީހުގައި 650 ކްރޯޑް ރުޕީސް (78 މިލިއަން ޑޮލަރު) ލިބުނެވެ. "ޖެއިލާ" ހެދީ 200 ކްރޯޑް ރުޕީސް (24 މިލިއަން ޑޮލަރު) ގެ ބަޖެޓަކުންނެވެ.

މި ފިލްމުގައި ހިމެނުނު ބަތަލާ ތަމަންނާ ބާޓިއާގެ ނެށުންތަކެއް ފެނިގެން ދިޔަ ލަވަ "ކާވާލާ" އަކީ އާންމުންގެ ތެރޭގައި ވަރަށް ބޮޑު މަގުބޫލު ކަމެއް ލިބުނު ލަވައެކެވެ.

"ޖެއިލާ" ދެވަނަ ބައި "ހުކުމް" އަށް ތައްޔާރީތައް ވަމުން އަންނަ އިރު، ރަޖްނީކާންތު، 73، ގެ އެންމެ ފަހުގެ ފިލްމަކީ އޭނަ ހާއްސަ ފެނިލުމެއްގައި ހިމެނުނު ފެބްރުއަރީގައި ރިލީޒްކުރި "ލާލު ސަލާމް" އެވެ. އޭގެ ޑައިރެކްޓަރަކީ ރަޖްނީކާންތުގެ ދަރިއެއް ކަމަށްވާ އައިޝްވާރިއާ ރަޖްނީކާންތެވެ.

މިހާތަނަށް ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ހުނަރުވެރި އެކްޓަރުގެ ދެން އެންމެ އަވަހަށް ފެންނާނީ އޮކްޓޯބަރުގައި ގެނެސްދޭ އެކްޝަން ޑްރާމާ "ވެއްޓައިޔަން" އިންނެވެ. މީގައި އަމީތާބް ބައްޗަން ވެސް ހިމެނެ އެވެ.