Last Updated: May 2, 21:43
Thursday, May 2, 2024
މުނިފޫހިފިލުވުން

ފިރިމީހާ ޑައިރެކްޓްކުރާ ފިލްމެއް އެމާ ކުޅެނީ

ދެ އޮސްކާ އެވޯޑް ވެސް ހާސިލުކޮށްފައިވާ ހޮލީވުޑްގެ މަޝްހޫރު ބަތަލާ އެމާ ސްޓޯން، އޭނަގެ ފިރިމީހާ ޑޭވް މެކްކެރީ ޑައިރެކްޓްކުރާ ފިލްމެއް ކުޅެން ތައްޔާރުވެއްޖެ އެވެ.

ހޮލީވުޑް ރިޕޯޓާ އިން ބުނީ އަދި ނަން އިއުލާން ނުކުރާ ފިލްމުގެ ސްކްރީންޕްލޭ ލިޔެފައި ވަނީ "ޔަންގް ރޮކް" ގެ ސުޕަވައިޒިން ޕްރޮޑިއުސަރުންގެ ގޮތުގައި ހިއްސާވި ޕެޓްރިކް ކޭންގް އާއި މައިކަލް ލެވިން ކަމަށެވެ. ފިލްމު ހަދަން ނިންމާފައި ވަނީ ޔުނިވާސަލް ޕިކްޗާސްއާ ގުޅިގެންނެވެ.

މަޝްހޫރު ޓީވީ ޝޯ ސަޓަޑޭ ނައިޓް ލައިވް (އެސްއެންއެލް) ގެ ސެގްމަންޓް ޑައިރެކްޓަރެއްގެ ގޮތުގައި ކުރިން މަސައްކަތްކުރި، އެމާގެ ފިރިމީހާ ޑޭވް މިހާތަނަށް ޑައިރެކްޓްކުރީ އެންމެ ފިލްމެކެވެ. އެއީ 2017 ގެ ކޮމެޑީ ޑްރާމާ "ބްރިގްސްބީ ބެއާ" އެވެ. ޑޭވް ޕްރޮޑިއުސަރެއްގެ ގޮތުގައި ހިއްސާވި ފިލްމުތަކުގެ ތެރޭގައި މި އަހަރުގެ ޖެނުއަރީގައި ރިލީޒްކުރި އަދި އެމާ ވެސް ރޯލެއް ކުޅުނު "އަ ރިއަލް ޕެއިން" އާއި މިދިޔަ އަހަރުގެ "ޕްރޮބްލެމިސްޓާ" ހިމެނެ އެވެ.

"ލާ ލާ ލޭންޑް" އާއި "ދަ ފެވަރިޓް" އަދި "ކުރްއެލާ" ފަދަ ފިލްމުތައް ކުޅެފައިވާ އެމާގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ "ޕުއާ ތިންގްސް" އެވެ. އޭނަގެ ކުރިއަށް އޮތް ފިލްމަކީ "ކައިންޑްސް އޮފް ކައިންޑްނެސް" އެވެ.

އެމާ އާއި ޑޭވް ކައިވެނިކުރީ 2020 ގަ އެވެ. އެ ދެ މީހުންގެ ދަރިއަކު ވެސް އެބަހުއްޓެވެ.