Last Updated: May 3, 06:00
Friday, May 3, 2024
ދުނިޔެ

ސައުދީން މިސް ޔުނިވާސްގައި ވާދަ ނުކުރާނެ

މި އަހަރުގެ މިސް ޔުނިވާސް މުބާރާތުގައި ސައުދީ އަރަބިއްޔާ އިން ވާދަކުރާނެ ކަމަށް ބުނާ ވާހަކަ ދޮގުކޮށްފި އެވެ.

މިކަން ދޮގުކޮށް މިސް ޔުނިވާސް އޮގަނައިޒޭޝަނުން ބުނީ ސައުދީން މުބާރާތުގައި ވާދަކުރާ ކަމަށް ބުނެ ދެކެވޭ ވާހަކަ އަކީ އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި މުބާރާތުގައި ސައުދީން ވާދަކުރުމާ ގުޅޭ އެއްވެސް ހަރަކާތެއް ވެސް ހިންގާފައި ނުވާ ކަމަށާއި މުބާރާތުގައި ވާދަކުރާނެ މީހަކު ކަނޑައަޅަން ސިލެކްޝަނެއް ވެސް ކުރިއަށް ގެންގޮސްފައި ނުވާ ކަމަށް މިސް ޔުނިވާސް އިން ބުންޏެވެ.

އެތަނުން މިހެން ބުނެފައި ވަނީ ސައުދީން މުބާރާތުގައި ވާދަކުރާނެ ކަމަށް ބުނެ އެކަން މިދިޔަ މަހުގެ ތެރޭގައި ރޫމީ އަލްގަހްތާނީ ކިޔާ މީހަކު އެކަން ސޯޝަލް މީޑިއާގައި އިއުލާންކޮށްފައި ވަނިކޮށެވެ. އުމުރުން 27 އަހަރުގެ ރޫމީ އަކީ މިސް ސައުދީ އަރަބިއްޔާގެ ޓައިޓްލްގެ އިތުރުން މިސް މިޑްލްއީސްޓްގެ ޓައިޓްލް ވެސް ހާސިލުކޮށްފައިވާ މޮޑެލްއެކެވެ. މީގެ އިތުރުން 2021 ގައި ރޫމީ އަށް މިސް އަރަބް ވޯލްޑް ޕީސްގެ ޓައިޓްލް ވެސް ލިބިފައިވެ އެވެ.

މިސް ޔުނިވާސްގައި ސައުދީ ތަމްސީލު ކުރާނެކަން ރޫމީ އިއުލާންކުރި ނަމަވެސް އެ ގައުމުގެ ރަސްމީ އެއްވެސް ފަރާތަކުން އެކަމާ ބެހޭ ގޮތުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.

މި އަހަރު ބާއްވާ 73 ވަނަ މިސް ޔުނިވާސް މުބާރާތް އޮންނާނީ ސެޕްޓެމްބަރު މަހު މެކްސިކޯގަ އެވެ.

މިސް ޔުނިވާސް އަކީ މިސް ވޯލްޑް ފިޔަވައި ދުނިޔޭގައި ބާއްވާ އެންމެ ބޮޑު ރީތީގެ މުބާރާތެވެ.