އައްޑޫގެ ވިޔަފާރިތަކުގެ ކަރަންޓުން ނަގާ ފީ މިދިޔަ މަހުން ފެށިގެން ބޮޑުކުރުމާ ގުޅިގެން އުފެދުނު ކަންބޮޑުވުންތަކާ ގުޅިގެން ވިޔަފާރިވެރިންނާއި އައްޑޫ ސިޓީ ކައުންސިލުން ކޮމިޓީއެއް އެކުލަވާލައި އެކަމަށް ހައްލެއް ހޯދަން މަސައްކަތް ކުރާ ގޮތަށް ނިންމައިފި އެވެ.
ހިތަދޫ ފިޔަވައި އެެހެން ކޮންމެ އަވަށަކުން ވިޔަފާވެރިން ތަމްސީލް ކުރާ ދެ މެމްބަރުންނާއި ހިތަދޫން ތަމްސީލް ކުރާ ހަތަރު މެމްބަރުންގެ އިތުރުން ކައުންސިލްގެ ދެ މެމްބަރުން ހިމެނިވަޑައިގަންނަވާ ކޮމެޓީގެ އިސްބޭފުޅަކަށް ހަމަޖައްސާފައި ވަނީ ހިތަދޫ މެދު ދާއިރާ ކައުންސިލަރު ހުސައިން ހިލްމީ އެވެ.
ކައުންސިލްގެ ފަރާތުން ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އަނެއް ބޭފުޅަކީ ފޭދޫ ދާއިރާގެ ކައުންސިލަރު އަލީ ފަހުމީ އަހުމަދެވެ.
ޖުމްލަ 16 މެމްބަރުންގެ މައްޗަށް އެކުލަވާލި މި ކޮމެޓީގައި މެންބަރުކަން ކުރައްވާ ވިޔަފާރިވެރިއަކު ބުނިގޮތުގައި އައްޑު އަށް ކަރަންޓްގެ ހިދުމަތް ދޭ ފެނަކަ ކޯޕަރޭޝަންގެ މެނޭޖްމަންޓާ ބައްދަލު ކުރުމާއި އަވަށްތަކުގެ ވިޔަފާވެރިންނާ ވަކިވަކިން ބައްދަލު ކުރުންތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށާއި އެކަން މިރޭ ފަށާނެ ކަމަށެވެ.
'އައްޑޫ ލައިވް' އަށް މައުލޫމާތު ދެމުން ވިޔަފާވެެރިން ބުނި ގޮތުގައި ވެރި ރަށް މާލެ އާއި އައްޑު އާ އަޅާކިޔާ އިރު ކަރަންޓް ޔުނިޓަކުން ނަގާ އަގުތައް ވަރަށް ބޮޑަށް ތަފާތުކަމަށާއި އެއީ ސަރުކާރުން އަތޮޅު ތެރޭގެ މީހުންނަށް އަޅާނުލާކަން ހާމަވެގެންދާ ކަމެއް ކަމަށެވެ.
އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުން މައުލޫމާތު ދެއްވާގޮތުގައި މިއަދު އެކުލަވާލި ކޮމިޓީން ވިޔަފާވެރިންގެ ކަރަންޓް ބިލަށް ގެނެސްފައިވާ ބަދަލަށް އެކަށީގެންވާ ހައްލެއް ލިބެންދެ މަސައްކަތްތަކެއް ކުރާނެ އެވެ.