Last Updated: May 2, 21:43
Thursday, May 2, 2024
ދީން

ރޯދަ ރަހަ: ޗިކެން ކޮއްތު ފަރާޓާ

* ބޭނުންވާ ތަކެތި:

3 އެސްކޭ އޮރިޖިނަލް ފަރާޓާ
170 ގްރާމް ބޯންލަސް ކުކުޅު (ކުދިކޮށް ކޮށީމައި 2/3 ޖޯޑު)
1 ބޮޑު ފިޔާ
1/3 ޖޯޑު ތުނިކޮށް ކޮށާފައިހުރި ކެރެޓު
1/3 ޖޯޑު ތުނިކޮށް ކޮށާފައިހުރި ކެބެޖު
2 ބޮޑު ލޮނުމެދު (1 މޭޒުމަތީ ސަމުސާ ތުނިކޮށް ކުދިކޮށް ކޮށީމައި)
½ މޭޒުމަތީ ސަމުސާ ގޭނި އިނގުރު
2 ހިކި މިރުސް
3 މޭޒުމަތީ ސަމުސާ ތެޔޮ
10 ހިކަނދިފަތް
½ ގިތެޔޮ މިރުސް
2 ބިސް
½ ސައިސަމުސާ މުގުރި ދިރި
½ ސައިސަމުސާ މުގުރި ކޮތަނބިރި
¼ ސައިސަމުސާ މުގުރި ރީނދޫ
½ ސައިސަމުސާ ތެޅި މިރުސް
½ ސައިސަމުސާ ލޮނު
6 މޭޒުމަތީ ސަމުސާ ޓޮމާޓޯ ޕޭސްޓް (ކުޑަ 2 ދަޅު)
½ މޭޒުމަތީ ސަމުސާ އޮއިސްޓަރ ސޯސް
1/3 ޖޯޑު ފެން

* ތައްޔާރު ކުރާނެ ގޮތް:

1. ތަވައެއް ހޫނު ކުރާށެވެ. ހޫނުވީމައި އެސްކޭ އޮރިޖިނަލް ފަރާޓާއެއް ތަވާ ތެރޭގައި ބާއްވާފައި ދެފުށަށްވެސް ރަން މުށި ކުލަ އަރާ ރަނގަޅަށް ފިހެވެންދެން ފިހާށެވެ. ދެން ތަށްޓަކަށް ނަގާށެވެ. މިގޮތަށް ހުރިހާ ފަރާޓާތަކެއްވެސް ފިހެލާށެވެ.
2. ފަރާޓާތައް ½ އިންޗީގެ ގޮޅިތަކަކަށް ކޮށާލާށެވެ. އަހަރުމެން މިކަން ކުރީ ފުރަތަމަ ފަރާޓާތައް އޮޅާލާފައި ½ އިންޗީގެ އެތިކޮޅުކޮޅަށް ކޮށާލައިގެންނެވެ.
3. ކުކުޅުކޮޅު ކުދިކޮށް ގޮޅިކޮށް ކޮށާލާށެވެ. އަހަރުމެންގެ އެތިކޮޅެއްގައި ބެހެއްޓީ 1/3 އިންޗިއެވެ.
4. ފިޔާ، ކެބެޖު އަދި ކެރެޓު ތުނިކޮށް ކޮށާށެވެ. ލޮނުމެދު ތުނިކޮށް ކުދިކޮށް ކޮށާފައި އިނގުރުކޮޅު ގާނާލާށެވެ. ހިކިމިރުސް ދެބުރިއަށް ބުރިކޮށްލާށެވެ.
5. ތެއްޔަކަށް ތެޔޮ އަޅާފައި ހޫނު ކުރާށެވެ. ރަނގަޅަށް ހޫނުވީމައި ކުކުޅު ކޮޅު އަޅާށެވެ. ހުއްޓާނުލާ ތެލި ތެރެ ހާވަމުން ކުކުޅު ރޯފިލާ އެއަށް ފަނޑު މުށިކުލައެއް އަރާލަންދެން ކައްކާށެވެ. އަހަރުމެންނަށް މިކަމަށް ނެގީ 6 މިނިޓެވެ. ކުކުޅުކޮޅު ކެކުނީމައި ތަށްޓަކަށް ނަގާފައި އެހަށް ބަހައްޓާލާށެވެ.
6. ދެން ހަމަ އެ ތެލީގެ ތެރެއަށް އިނގުރާއި ލޮނުމެދު އަޅާފައި ގަދަ ގިނީގައި މިނިޓެއްވަރު ނޫނީ ލޮނުމެދުކޮޅު މަޑުވެލަންދެން ތެލީގެ ތެރެ ހުއްޓާނުލާ ހާވަމުން ކައްކާށެވެ.
7. ދެން ފިޔާ، ހިކަނދިފަތް، ގިތެޔޮމިރުސް އަދި ހިކިމިރުސް އަޅާފައި އަނެއްކާވެސް ތެލީގެ ތެރެ ހާވަމުން ގަދަ ގިނީގައި 2 މިނިޓު ނޫނީ ފޮޔާކޮޅު މަޑުވެލަންދެން ކައްކާލާށެވެ.
8. ދެން ކެރެޓާއި ކެބެޖު ތެއްޔަށް އަޅާފައި އެތަކެތި މަޑުވެލަންދެން ނޫނީ 2 މިނިޓު ވަންދެން ކައްކާލާށެވެ.
9. ތެލީގެ ތެރޭގައި ހުރި ސާމާނު އެއް ފަރާތަށް ޖައްސާލާފައި ބިސްކޮޅު އެތަނަށް އަޅާށެވެ. ބިސްކޮޅު ހަމަ ކިރިޔާ ރޯފިލާ ވަރުވަންދެން އެހަށް ބަހައްޓާލާށެވެ. ދެން ބިސްކޮޅު ކެކެމުން ދާވަރަކަށް ދޭފަތުން އެއްކުރަމުން މެދު ގިނީގައި ކައްކާށެވެ. ކައްކާނީ ސްކްރެމްބަލްޑް އެގްސް ވަރަށް ކެކެން ދެނެވެ. އެވަރު ވާއިރު ބިސް ހުންނާނީ ނިކަން މަޑު ބިސްގަނޑެއް ވަރަށް ކެކިފައެވެ. ބިސްކޮޅު ކެކުނީމައި ތެލީގައި ހުރި އެހެން އެއްޗެއްސާއި ބިސް އެއްކޮށްލާށެވެ.
10. ދެން ދިރި، ކޮތަނބިރި، ރީނދޫ، ތެޅިމިރުސް އަދި ލޮނު ތެލީގެ ތެރެއަށް އަޅާ ހުރިހާ އެއްޗެއް ރަނގަޅަށް އެއްކޮށްލާށެވެ.
11. ދެން ޓޮމާޓޯ ޕޭސްޓްއާއި އޮއިސްޓަރ ސޯސް އަޅާފައި އަނެއްކާވެސް ރަނގަޅަށް އެއްކޮށްލާށެވެ.
12. ކުކުޅުކޮޅު އަޅާފައި މިނިޓެއްވަރު ތެލީގެ ތެރެ ހާވަމުން ކައްކާލާށެވެ.
13. ދެން ފެން ފޮދު އަޅާފައި ރަނގަޅަށް ހުރިހާ އެއްޗެއް އެއްކޮށްލާށެވެ.
14. އެންމެ ފަހު ކަމަކަށް ފަރާޓާކޮޅު ތެއްޔަށް އަޅާފައި ރަނގަޅަށް އެއްކޮށްލާފައި ތެލީގެ ތެރެ ހާވަމުން އަދި މިނިޓެއްވަރު ކައްކާލީމައި އެނިމުނީއެވެ.

ރެސިޕީ: ލޮނުމެދު