Last Updated: May 2, 21:43
Thursday, May 2, 2024
ރިޕޯޓް

ނަމާދު؛ ލޮލުގެ ފިނިކަން

އެއީ އިސްލާމީ ފަޚުރުވެރި ތާރީޚުގެ ސަފުޙާތަކުން ރެއެކެވެ. ވަރަށް ޚާއްސަ ޝަރަފުވެރި ރެއެކެވެ. އިލާހީ ވަރުގަދަ މުޢުޖިޒާތުގެ ޙާދިޘާއެއް ހިނގައިދިޔަ ރެއެކެވެ. އާދަޔާ ޚިލާފު ދަތުރެއް ކުރެވުނު ރެއެކެވެ.

އެ ދަތުރުގެ ސަވާރީ އަކީ ﷲ ތަޢާލާގެ ޚާއްސަ މަޚްލޫޤެކެވެ. އެދަތުރުގެ އާރުކާޓީއަކީ ވަރަށް ޚާއްސަ ބޭކަލެކެވެ. އެދަތުރު ކުރެވުނު މަންޒިލަކީ އެއްވެސް އިންސާނަކަށް މިހާތަނަށް ވާސިލުވެވުނު މަންޒިލެއް ނޫނެވެ. އެ ދަތުރަކީ އިންސާނަކަށް ބޮޑުވެގެންވާ ޝަރަފެއް ލިބުނު ދަތުރެކެވެ.

އެއީ ކޮން ރެއެއްތޯއެވެ؟ އެއީ ކޮން ދަތުރެެއްތޯ އެވެ؟

އެއީ އިސްރާއާއި މިޢުރާޖުގެ ރެއެވެ. އެއީ އިސްރާ އާއި މިޢުރާޖުގެ ދަތުރެވެ.

އިސްރާ އާއި މިޢުރާޖުގެ ޙާދިޘާއަކީ އިލާހީ ވަރުގަދަ މުޢުޖިޒާތެކެވެ. މިއާދަޔާ ޚިލާފު ދަތުރުގެ ސަވާރީއަކީ ﷲ ތަޢާލާގެ ބާރުދުވެލީގެ މަޚްލޫޤު އަލްބުރާޤު އެވެ. މިދަތުރުގެ އާރުކާޓީއަކީ ވަޙީގެ މަލާއިކަތާ ޖިބްރީލުލް އަމީން އެވެ. މި ދަތުރު ކުރެވުނު މަންޒިލަކީ ﷲ ތަޢާލާގެ ޛާތުފުޅާ ދެ ދުނިދަނޑީގެ މިންވަރަށް އަރިހަށެވެ. ނުވަތަ އެއަށް ވުރެ ވެސް އަރިހަށެވެ.

މި ދަތުރުގެ ޝަރަފު ލިބުނު އިންސާނަކީ މުޅި އިންސާނިއްޔަތަށް ރަޙްމަތެއްކަމުގައި ކައުކުރެއްވި ނަބިއްޔާ މުޙައްމަދު ﷺ އެވެ. މިދަތުރުގައި އެކަލޭގެފާނުވަނީ ޖިބްރީލުގެފާނަށްވެސް އިތުރަށް ކުރިއަށް ވަޑައިގެންނެވުމުގެ އިޒްނައެއްނެތް މަޤާމަކަށް ވާސިލުވެފައެވެ. ލައުޙުލް މަޙްފޫޡުގައި ޤަލަމުން ލިޔުއްވޭ އަޑުއިވިވަޑައިގަންނަވާ ހިސާާބަށް އެކަލޭގެފާނު ވަޑައިގެންނެވިއެވެ. މިދަތުރުގައި އެއްވެސް މެދުވެރިއަކު ނެތި ސީދާ ﷲ ތަޢާލާ މުޙައްމަދުގެފާނަށް ބަސްވަޙީކުރެއްވިއެވެ.

މިފަދަ އާދަޔާ ޚިލާފު ދަތުރެއް ކުރައްވައި ﷲ ތަޢާލާގެ ދަރުބާރަށް މުޙައްމަދުގެފާނު ގެންދެވުނީ ކޮން މަޤްސަދަކަށްޓަކައިތޯ އެވެ؟

އާދެ އެއީ ވަރަށް ޚާއްސަ ހަދިޔާއެއް ދެއްވުމަށެވެ.
އެއީ ކޮން ހަދިޔާއެއްތޯ އެވެ؟
އެއީ މިޢުރާޖުގެ ހަދިޔާ އެވެ.
އާދެ އެއީ الصلاة ނަމާދެވެ.

ބިންމަތީގައި ނަބިއްޔާ ﷺ ހުންނަވަނިކޮށް ޖިބްރީލްގެފާނު މެދުވެރިކުރައްވާ ނަމާދު ފަރުޟުކުރެއްވުމުގެ ބަދަލުގައި، ﷲ ގެ ދަރުބާރަށް އެކަލޭގެފާނު ގެންދެވުމަށްފަހުގައި ނަމާދު ފަރުޟުވެއްޖެކަމުގެ ޚަބަރު ދެއްވުމުގެ ޙިކްމަތަކީ ކޮބައިތޯއެވެ؟ އެއިން އަންގައިދެނީ ﷲ ތަޢާލާގެ ޙަޟްރަތުގައި ނަމާދަށް ދެވިގެންވާ ޤަދަރެވެ. ނަމާދަށް ލިބިގެންވާ ޝަރަފެވެ. ނަމާދުގެ މުހިންމުކަމާއި މާތްކަމެވެ.
ނަމާދުތައް އޭގެ ވަގުތުގައި އަދާކުރުމަކީ ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު އަޅުކަމެވެ. ނަމާދަކީ ޤިޔާމަތްދުވަހުން އެންމެ ފުރަތަމަ ޙިސާބު ބެއްލެވޭނެ އަޅުކަމެވެ.

ނަމާދަކީ ޤިޔާމަތްދުވަހުން ﷲ ތަޢާލާގެ ޢަރުޝީގެ ހިޔާވަހިކަން ލިއްބައިދޭނެ އަޅުކަމެކެވެ. ނަމާދަކީ ޤިޔާމަތްދުވަހުން އަޅާއަށްޓަކައިވާ ނޫރެއް ކަމުގައިޔާއި، ޙުއްޖަތެއް ކަމުގައިޔާއި، ސަލާމަތެއް ކަމުގައި ވާނެތެވެ. ނަމާދަކީ ފާފަތަކަށްވާ ތަހާރަތެކެވެ. ނަމާދަކީ ސުވަރުގޭގައި ނަބިއްޔާ މުޙައްމަދު ﷺ އާއި އެކީގައި ވުމުގެ ފުރުސަތު ފަހިކޮށްދޭނެ އަޅުކަމެވެ.

ނަމާދަކީ ސުވަރުގެއިން އަޅާއަށް ލިބިގެންދާނެ މަންޒިލް މަތިކޮށްދޭނެ އަޅުކަމެކެވެ. ނަމާދަކީ އަޅާގެ ފަލާޙާއި ކާމިޔާބީގެ އަސާސެވެ. ނަމާދަކީ އަޅުތަކުން ސުވަރުގޭގެ އެންމެ މަތީ މަންޒިލް ކަމުގައިވާ އަލްފިރުދައުސްއަށް ވާސިލުކޮށްދޭނެ އެންމެ މުހިންމު އަޅުކަމެވެ.

ނަމާދަކީ އަ ޅާއާއި ﷲ އާއި ގުޅުވައިދޭ އެންމެ ވަރުގަދަ ވަސީލަތައް ވާތީއާއި، ނަމާދަކީ ﷲ ތަޢާލާ ހަނދުމަށްކޮށްދޭ އަޅުކަމަށް ވާތީއާއި، ނަމާދަކީ ﷲ އާއި ކުއްތަަންކޮށްދޭ އަޅުކަމަށް ވާތީއާއި، ނަމާދާއި ގުޅިގެން ނަބިއްޔާ މުޙައްމަދު ﷺ އަށް އެހާ މަތިވެރި ޝަރަފެއް ދެއްވީތީ، އެކަލޭގެފާނުގެ ހިތްޕުޅުގައި ނަމާދަށް ޚާއްސަ ޤަދަރެއް، ޚާއްސަ ލޯތްބެއް ދެވިގެންވެއެވެ. ނަމާދުވެގެން ގޮސްފައިވަނީ ނަބިއްޔާ ﷺ ގެ ލޮލުގެ ފިނިކަން ކަމުގައިޔާއި، ހިތުގެ ރާޙަތުކަމުގައެވެ. އެކަލޭގެފާނު ހާސްވެ ކަންބޮޑުވާ ކޮންމެ ހިނދެއްގައި އެންމެ ފުރަތަމަ އަވަސްވެވަޑައިގަންނަވަނީ ނަމާދު އަދާކުރެއްވުމަށެވެ. އެކަލޭގެފާނަށް އަރާމާއި ރާޙަތަށް ބޭނުންފުޅުވީމާ ނަމާދަށް ގޮވާލެއްވުމަށް ބިލާލުގެފާނަށް އަންގަވައެވެ. އެކަލޭގެފާނުގެ ދުނިޔަވީ ޙަޔާތުގެ އެންމެ ފަހުވަގުތުކޮޅު ވެސް އުންމަތަށް ކުރެއްވި ވަސިއްޔަތަކީ ނަމާދަށް ރައްކާތެރިވުމުގެ ވަސިއްޔަތެވެ.

އިމާމު އިބްނު ޙަޖަރު – رحمه الله – – ވިދާޅުވެފައިވެއެވެ: "މީހެއްގެ ލޮލުގެ ފިނިކަން ކަމުގައި ކަމެއް ވެއްޖެނަމަ އެކަމަކާއި ވަކިނުވެ، އެކަމަކުން ބޭރުނުވެ ހުރެވޭތޯ އޭނާ ބަލާނެއެވެ. ސަބަބަކީ އޭނާގެ އުފާތައް ވާނީ އެކަމުގައެވެ. އޭނާގެ ޙަޔާތް ބާއްޖަވެރި ވާނީ އެކަމުންނެވެ."

(ނުނިމޭ، މި އާޓިކަލްގެ ދެވަނަ ބައި މާދަމާ ގެނެސްދެވޭނެ)

އެޑިޓަރުގެ ނޯޓް: ލިޔުއްވީ ޝެއިހް އަހުމަދު ރިމާޒު