Last Updated: May 2, 21:43
Thursday, May 2, 2024
މުނިފޫހިފިލުވުން

ޗަރަން އަށް އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު

އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި ރާމް ޗަރަން އަށް ޔުނިވަސިޓީއަކުން އޮނަރަރީ ޑޮކްޓަރަޓޭޓްގެ ޝަރަފު އަރުވައިފި އެވެ.

ދެހާސް ބާވީހުގެ އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ހިމެނޭ ޑައިރެކްޓަރު އެސްއެސް ރާޖަމޯލީގެ "އާރްއާރްއާރް" ގެ އެންމެ ވަރުގަދަ އެއް ރޯލު ކުޅުނު އެކްޓަރަށް އޮނަރަރީ ޑޮކްޓަރޭޓް އެރުވީ ޗެންނާއީގެ ވެލްސް ޔުނިވަސިޓީންނެވެ. ޗަރަން އަށް އެ ޝަރަފު އެރުވީ ހިންދީ ސިނަމާ އަށް އޭނަ ކޮށް ދެމުން އަންނަ ހިދުމަތްތަކުގެ އަގުވަޒަންކޮށެވެ.

ޗަރަން އަށް މި ޝަރަފު އަރުވަން މިއަދު ޔުނިވަސިޓީގައި ބޭއްވި ހަފުލާގައި އަންހެނުން އުޕަސާނާ ވެސް ބައިވެރިވި އެވެ. މި ޝަރަފުގެ ވާހަކަ ސޯޝަލް މީޑިއާގައި ހިއްސާކޮށް އޭނަ ބުނީ މިއީ ލިބުނު ވަރަށް ބޮޑު އުފަލަކާއި ފަހުރެއް ކަމަށެވެ.

އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފާ އެކީ ޗަރަންގެ ނަމުގެ ކުރިއަށް ދެން ޑޮކްޓަރު ބޭނުން ކުރެވޭނެ އެވެ.

އާންމުކޮށް ތެލެގޫ ފިލްމުތައް ކުޅޭ ޗަރަން އަކީ އިންޑިއާގެ ދެކުނު ފިލްމު އިންޑަސްޓްރީގެ އެންމެ ނުފޫޒު ގަދަ އެއް އެކްޓަރެވެ. އޭނަ އަކީ މަޝްހޫރު އެކްޓަރު ޗިރަންޖީވީ ދަރިއެކެވެ. މިހާތަނަށް ކާމިޔާބު ގިނަ ފިލްމުތަކެއް ކުޅެފައިވާ ޗަރަންގެ ކުރިއަށް އޮތް ފިލްމަކީ އަދި ރިލީޒްކުރާނެ ތާރީހެއް އިއުލާން ނުކުރާ ޑައިރެކްޓަރު އެސް ޝަންކަރު "ގޭމްޗޭންޖާ" އެވެ.

ތަފާތު އެކި އެވޯޑްތައް ވެސް ހޯދާފައިވާ ޗަރަން، 39، އަށް އެކްޓިން އަށް ނުކުތީ 2007 ގެ "ޗިރުތާ" އިންނެވެ. އޭނަގެ އެންމެ ފާހަގަކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި "މަގަދީރާ"، "ބްރޫސް ލީ: ދަ ފައިޓާ"، "ދުރޫވާ" އަދި "ޔެވާޑޫ" ހިމެނެ އެވެ.

ޗަރަން ހިންދީ ފިލްމެއް ވެސް ކުޅެފައިވެ އެވެ. އެއީ ޕްރިޔަންކާ ޗޯޕްޅާއާ އެކީ ކުޅުނު 2013 ގެ "ޒަންޖީރު" އެވެ.

"އާރްއާރްއާރް" ގެ ބޮޑު ކާމިޔާބީ އަށް ފަހު ހޮލީވުޑްގެ ބައެއް ސްޓޫޑިއޯތަކުން ވެސް ޗަރަން އަށް އޮފާތަކެއް ހުށަހަޅާފައިވެ އެވެ.