Last Updated: May 2, 21:43
Thursday, May 2, 2024
ދުނިޔެ

ގޯސް ނުހަދާތި، ހަމަލާތައް ދެން މާ ނުރައްކާވާނެ

އިޒްރޭލުން ދެން ވެސް ގޯސް ނުހެދުމަށާއި ދެން ދޭ ހަމަލާ މާ ނުރައްކާނެ ވާނެ ކަމަށް އިރާނުން ބުނެފި އެވެ.

އީރާނުން އިޒްރޭލަށް އަމާޒުކޮށް ޑްރޯން އާއި މިސައިލްގެ 200 އަށް ވުރެ ގިނަ ހަމަލާ ރޭ ފޮނުވާލިއިރު މިއީ މި މަހުގެ އެއްވަނަ ދުވަހު ސީރިއާގައި ހުންނަ އިރާނުގެ ކޮންސިއުލޭޓަށް އިޒްރޭލުން ދިން ހަމަލާ އަށް ބަދަލު ހިފުމުގެ ގޮތުން ފޮނުވާލި ހަމަލާތަކެކެވެ. އިރާނުން ފޮނުވާލި ގިނަ ޑްރޯންތަކާއި މިސައިލްތައް އެމެރިކާ އާއި އިޒްރޭލު ގުޅިގެން ވަނީ ވައްޓާލާފަ އެވެ.

އދ. އަށް ކަނޑައަޅާފައިވާ އީރާންގެ މިޝަނުން ބުނީ ސީރިއާގައި ހުންނަ އީރާން އެމްބަސީއަށް ދިން ހަމަލާގެ ބަދަލު ހިފުން މި ހިސާބުން ނިމުނީ ކަމަށެވެ. މި ހަމަލާތަކާ ގުޅިގެން އިޒްރޭލުން އަނެއްކާވެސް ގޯހެއް ހަދައިފިނަމަ ދެން އިޒްރޭލަށް ދޭ ހަމަލާތައް މާ ނުރައްކާވާނެ ކަމަށް އެ މިޝަނުން ވަނީ ބުނެފަ އެވެ.

މީގެއިތުރުން އެ މިޝަނުން ވަނީ މިއީ އިރާނާއި އިޒްރޭލުގެ ދެމެދު ހިނގާ ކަމަކަށް ވާތީ މިކަމުގެ ތެރެއަށް އެމެރިކާ ނުވަނުމަށް ވެސް ގޮވާލާފަ އެވެ.

އިޒްރޭލަށް އަމާޒުކޮށް އިރާނުން ހަމަލާތައް ފޮނުވާލުމާ އެކު ފަލަސްތީނުގެ އެތައް ހާސް ބަޔަކު ހުޅަނގު އައްސޭރީގައި މަގުތަކަށް ނުކުމެ ދަނީ އުފާފާޅު ކުރަމުންނެވެ.

އިރާނުން އިޒްރޭލަށް އަމާޒުކޮށް ހަމަލާތައް ފޮނުވާލިއިރު، އިޒްރޭލުން އަންނަނީ މިދިޔަ އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން ފަލަސްތީނުގެ ގާޒާ އަށް ހަމަލާތައް ދެމުންނެވެ. އެ ހަމަލާތަކުގައި މިހާތަނަށް ގާޒާ އިން 33،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފަ އެވެ.