Last Updated: April 30, 12:06
Tuesday, April 30, 2024
ކުޅިވަރު

ބޮޑު މޮޅަކާ އެކު ސިޓީ އެއްވަނަ އަށް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލޫޓަން ޓައުން 5-1 އިން ބަލިކުރުމަށް ފަހު ލީގުގެ އެއްވަނަ އަށް މެންޗެސްޓާ ސިޓީ އަރައިފި އެވެ.

މި މޮޅާ އެކު ސިޓީ އެއްވަނައިގައި އޮތީ 32 މެޗުން 73 ޕޮއިންޓާ އެކު އެވެ. ދެވަނައިގައި އޮތް އާސެނަލް 31 މެޗުން 71 ޕޮއިންޓު ލިބިފައިވާއިރު ތިންވަނައިގައި އޮތް ލިވަޕޫލަށް ވެސް 31 މެޗުން 71 ޕޮއިންޓް ވަނީ ލިބިފަ އެވެ. ލީގުގައި މިރޭ ކުޅޭ މެޗުން މޮޅުވެއްޖެ ނަމަ އާސެނަލަށް އަލުން އެއްވަނަ ލިބޭނެ އެވެ.

މި މެޗުގެ ދެވަނަ މިނެޓްގައި ސިޓީން ލީޑު ނެގިއިރު މިއީ ލޫޓަންގެ ޑައިކީ ހަޝިއޯކާ އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. ގޯލްޖަހާނެ އިތުރު ފުރުސަތުތަކެއް ސިޓީން ފުރަތަމަ ހާފުގައި ތަނަވަސްކުރި އިރު، މެޗުގެ 64 ވަނަ މިނެޓްގައި ސިޓީގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިނީ މަޓެއޯ ކޮވަސިޗް އެވެ. މެޗުގެ 76 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ އަކުން ސިޓީގެ ތިންވަނަ ގޯލު އާލިން ހާލަންޑް ކާމިޔާބުކޮށްދިން އިރު، އެޓީމުގެ ހަތަރުވަނަ ގޯލު މެޗުގެ 87 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ޖެރެމީ ޑޮކޫ އެވެ.

ސިޓީގެ ފަހު ގޯލު މެޗުގެ 90 މިނެޓްގައި ޖޮސްކޯ ގްވާޑިއޯލް ކާމިޔާބުކޮށްދިން އިރު ލޫޓަންގެ ހަމައެކަނި ގޯލު މި މެޗުގައި ކާމިޔާބުކޮށްދިނީ ރޮސް ބާކްލީ އެވެ.

ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު މެންޗެސްޓާ ޔުނައިޓެޑާއި ބޯންމަތް ކުޅުނު މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. ނިއުކާސަލް ޔުނައިޓެޑުން 4-0 އިން ޓޮޓެންހަމް ބަލިކުރި އިރު، ބްރެންޓްފޯޑުން ވަނީ 2-0 އިން ޝެފީލްޑް ޔުނައިޓެޑް ބަލިކޮށްފަ އެވެ. އަދި ވުލްވްސް އާއި ނޮޓިންހަމް ފޮރެސްޓް ކުޅުނު މެޗު 2-2 އިން އެއްވަރުވިއިރު، ބްރައިޓަން އާއި ބާންލީގެ މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.