Last Updated: May 5, 06:00
Sunday, May 5, 2024
ޚަބަރު

ގޮނޑި ގެއްލޭ ބިލް ތަސްދީގު ނުކުރާތީ ކަންބޮޑުވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލު ކުރުމުން ގޮނޑި ގެއްލޭ ގޮތަށް މިދިޔަ މަހު ފާސްކުރި ބިލް ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ނުުކުރައްވައި ލަސްކުރައްވާތީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

މި މަހު ބާއްވާ މަޖިލިސް އިންތިހާބުގެ ކެމްޕޭނަށް ރަށްރަށަށް އެމްޑީޕީގެ ލީޑަޝިޕުން ކުރަމުން އަންނަ ދަތުރުގެ ތެރެއިން ގއ. މާމެންދޫގައި އެ މަނިކުފާނު ވިދާޅުވީ އެންޓި-ޑިފެކްޝަން ބިލު ތަސްދީގުނުރެއްވުމަކީ ޑިމޮކްރަސީ އަށް އެޅޭ ހުރަހެއް ކަމަށެވެ.

"މިފަދަ މުހިންމު ވަގުތެއްގައި އެފަދަ މުހިންމު ގާނޫނެއް ގެޒެޓްނުކޮށް، ގާނޫނަކަށް ނުހަދާ ހިފަހައްޓައިގެން އިންވުމަކީ އަޅުގަނޑު ދަންނަވާނީ ޑިމޮކްރަސީއަށް ފާޅުގަ އެމަނިކުފާނު އަޅުއްވާ ހުރަހެކޭ." އިބޫ ވިދާޅުވި އެވެ.

އެކަމާ ކަންބޮޑުވުން ފާޅުކުރައްވައި އެ މަނިކުފާނު ވިދާޅުވީ ބިލު އަނބުރާ މަޖިލީހަށް ފޮނުއްވަން އުޅުއްވާކަމުގެ މައުލޫމާތު ވެސް ލިބެމުންދާ ކަމަށެވެ. އަދި އަނބުރާ ފޮނުއްވިޔަސް، އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހުން އެ ބިލް ފާސްކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ޕާޓީއެއްގެ ޓިކެޓްގައި ވާދަކޮށް އިންތިހާބުވާ މެމްބަރަކު އަމިއްލަ އަށް ޕާޓީން ވަކިވުން ނުވަތަ ޕާޓީ ބަދަލުކުރުމުން މެމްބަރުކަމުން އަމިއްލައަށް އިސްތިއުފާ ދޭން ޖެހޭނެ ކަމަށް ބުނެފައިވާ ބިލް ފާސްކުރާތާ 15 ދުވަހުގެ ތެރޭގައި ތަސްދީގު ކުރުމާ މެދު ރައީސުލްޖުމްހޫރިއްޔާ ގޮތެއް ނިންމަވަން ޖެހެ އެވެ. ކަމަށެވެ. އެ މުއްދަތު މާދަމަ އަށް ހަމަވާނެ އެވެ.