Last Updated: June 7, 22:00
Sunday, June 7, 2026
ޚަބަރު

ނާޒިމް ފަރުވާ އަށް ފުރުމުގެ ހުއްދަ ދީފި

ކުރީގެ ޑީފެންސް މިނިސްޓަރު ކާނަލް ނާޒިމް ބޭސްފަރުވާއަށް ދިއުމުގެ ހުއްދަދޭން ނިންމާފައިވާކަަށް 'އައްޑޫލައިވް' އަށް ލިބިއްޖެއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްގެ އޮފިޝަލަކު 'އައްޑޫލައިވް' އަށް މައުލޫމާތު ދެމުން ބުނިގޮތުގައި އިއްޔެގެ ވަގުތެއްގައި ކާނަލް ނާޒިމް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމުގެ ހުއްދަ ދޭން ނިންމާފައިވާ ކަމަށާއި ނަމަވެސް އެކަން އާއިލާއަށް ރަސްމީކޮށް އަންގާފައިވާ ކަން ޔަޤީން ނުކުރެވޭ ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި ބޭސްފަރުވާ އަށް ދިއުމުގެ ހުއްދަ ދީފައިވަނީ ވަކި ޤައުމަކަށް ކަމަށެވެ. ނަމަވެސް ވަކި ޤައުމެއް އޭނާ ހާމަކޮށްފައެއް ނުވެއެވެ.

ކާނަލް ނާޒިމް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމުގެ ހުއްދަ ދޭން ކަރެކްޝަނަލް ސާރވިސް އިން ނިންމާފައިވާކަމަށް ކަރެކްޝަނަލް ސާރވިސްގެ ބޭފުޅަކު ވިދާޅުވެފައިވާއިރު އޭނާގެ ބޭސްފަރުވާއަށް ކަރެކްޝަނަލް ސާރވިސްގެ ބޭފުޅުން ހުރަސް އަޅާކަމަށް ބުނެ ނާޒިމްގެ އާއިލާ އާއި އޭނަގެ ވަކީލުން ވަނީ ކަންބޮޑުވުންފާޅުކޮށްފައެވެ.އަދި އެކަމާއި ގުޅިގެން އެ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަނަށް ވެސް ހުށަހަޅާފައިވާ ކަމަށް 'އައްޑޫލައިވް' އަށް ވަނީ މައުލޫމާތު ލިބިފައެވެ.

ނާޒިމްގެ ބޭބެ، އެސްޓީއޯގެ ކުރީގެ އެމްޑީ އާޒިމް އޭނާގެ ފޭސްބުކްގައި އިއްޔެ ލިއުއްވާފައިވާ ގޮތުގައި ނާޒިމްގެ ބޭސްފަރުވާއަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ހުރަސް އަޅުއްވަމުން އަންނަ ކަމަށާއި މެޑިކަލް ރެކޯޑުތަކާއި ބޭސް ސިޓީތައް ގެއްލިފައިވާ ކަމަށް އަންގާފައިވާ ކަމަށެވެ.

ކާނަލް ނާޒިމްގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވުމާއި ގުޅިގެން ސިފައިންގެ ތެރެއިން ބައެއް އިސްވެރިން އެކަމާއި ހިތްހަމަނުޖެހިފައި ތިބި ކަމަށް ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ޚަބަރު ފަތުރާފައިވާއިރު ވަރަށް ފަހުން ފޭސްބުކްގައި ނާޒިމް އާއި އެކު ހުންނެވި ކަމަށް ލިޔެގެން އެމްއެންޑީއެފް ސަދަން އޭރިޔާގައި މަސައްކަތް ކުރާ ސިފައިންގެ މީހަކު ވަނީ މާލެ ގެނެސްފައެވެ.