Last Updated: May 6, 21:20
Tuesday, May 7, 2024
ޚަބަރު

ވެހިކަލް ގެނެސްދޭނެ ކަމަށް ބުނެ ފައިސާ ނެގިތޯ ބަލަނީ

ރާއްޖެ އިން ބޭރުން ވެހިކަލް ގެނެސްދޭނެ ކަމަށް ބުނެ މަކަރާއި ހީލަތުން ފައިސާ ހޯދި މައްސަލަތަކެއްގެ ތަހުގީގަށް އިތުރު ބައެއްގެ އަތުން ފައިސާ ނެގިތޯ ސާފުކޮށް ދޭން އާންމުންގެ ފަރާތުން ފުލުހުން އެދިއްޖެ އެވެ.

ފުލުހުން މިއަދު ބުނީ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުން އަންނަނީ "މެގަޓްރޯން މޮޓޯސް މޯލްޑިވްސް ވޭވް އިންޓަނޭޝަނަލް" އަށް ތުހުމަތުކުރެވޭ މައްސަލަތަކެއް ކަމަށެވެ.

އެހެންވެ ވެހިކަލް ގެންނަން އެ ކުންފުންޏަށް ފައިސާ ދައްކަވާފައިވާ ފަރާތެއްވާ ނަމަ އެކަން އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9790048 އަށް ގުޅައި ހިއްސާކޮށްދޭން ފުލުހުން އެދިފައިވެ އެވެ.

ކާރު ފަދަ ވެހިކަލްތައް ގެނެސްދޭނެ ކަމަށް ބުނެ މީހުންގެ އަތުން މަކަރާއި ހީލަތުން އޮޅުވާލައިގެން ފައިސާ ހޯދާ މައްސަލަތައް މި ފަހުން ވަރަށް ބޮޑަށް ދަނީ އިތުރުވަމުންނެވެ. އެގޮތުން މިފަދަ ލަނޑުތައް ލިބިގެން އެފަދަ ވާހަކަތައް ބައެއް މީހުން ސޯޝަލް މީޑިއާގައި ހިއްސާކުރަމުންދާކަން ފާހަގަކުރެވެ އެވެ.