Last Updated: July 21, 18:02
Tuesday, July 21, 2026
ޚަބަރު

ހަންކެޑެ ޕްރޮޖެކްޓް މާދަމާ ރޭ ލޯންޗް ކުރަނީ

އިންޓަގްރޭޓެޑް ޓޫރިޒަމަށް ހާއްސަކޮށްގެން ތަރައްގީ ކުރަން ނިންމާފައިވާ އައްޑޫ ހަންކެޑެ މަޝްރޫއު މާދަމާ ރޭ ލޯންޗްކުރަން ނިންމައިފި އެވެ.

މި މަޝްރޫއާ ހަވާލުވެފައިވާ ސަރުކާރުގެ ކުންފުނި މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން ކޮމްޕެނީ (އެމްއެފްއެމްސީ) އިން މިއަދު ބުނީ މަޝްރޫއު ލޯންޗްކުރުމުގެ ރަސްމިއްޔާތު ބާއްވަން ހަމަޖެހިފައި ވަނީ ހަންކެޑެ ސައިޓްގައި މާދަމާ ރޭ 8:30 ގައި ކަމަށެވެ.

އެ ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވާނީ ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާނެވެ.

ހަންކެޑެ ތަރައްގީ ކުރަން އެމްއެފްއެމްސީން ހަވާލުކޮށްފައި ވަނީ ޗައިނާގެ ކުންފުންނެއް ކަމަށްވާ ޗައިނާ ނޭޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން (ސީއެންއީސީސީ) އާ އެވެ. އެކަމުގެ އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ އަހަރުގެ މާޗް 30 ގަ އެވެ.

ހަންކެޑެ ތަރައްގީ ކުރަން ހަމަޖެއްސީ ބޭންކް އޮފް ޗައިނާ އިން 145 މިލިއަން ޑޮލަރު (2.2 ބިލިއަން ރުފިޔާ) ގެ ލޯނެއް ނަގައިގެންނެވެ. މި ޕްރޮޖެކްޓްގައި ޖުމްލަ 1،041 ކޮޓަރި ހިމެނެ އެވެ. އަދި އެއީ ބެޑް ކެޕޭސިޓީ އަށް ބަލާ އިރު، 2،080 އެނދެވެ.

މަރަދުއާ އިންވެގެން އޮންނަ ހަންކެޑެ ތަރައްގީ ކުރުމަށްޓަކައި އެ ރަށާއި ގައުކެނޑި ގުޅުވައިދޭ ބްރިޖް ވެސް ބަދަލުކުރަން ފެށި މަސައްކަތް މިހާރު އޮތީ އެއްކޮށްހެން ނިމިފަ އެވެ. ގައުކެނޑި އާއި މަރަދޫ ގުޅޭ ގޮތަށް ބްރިޖްގެ މަސައްކަތް ކުރަނީ އިންޑިއާގެ އެފްކޮންސްއިންނެވެ.

ހަންކެޑެ މަޝްރޫއު މި ސަރުކާރުން މާދަމާ ރޭ އިފުތިތާހު ކުރަން ނިންމި އިރު، އެ މަޝްރޫއު ނުފަށައި ލަސްވާތީ އިދިކޮޅު އެމްޑީޕީން ތަކުރާރުކޮށް ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.

ހުކުރު ދުވަހުގެ ރޭ ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޑޫގައި ވިދާޅުވީ ހަންކެޑެ މަޝްރޫއު މިހާރު އޮތީ ފެށުމުގެ މަރުހަލާގައި ކަމަށެވެ.