Last Updated: May 2, 21:43
Thursday, May 2, 2024
މުނިފޫހިފިލުވުން

ދާއިރާގެ ގޮނޑި ކާމިޔާބުވާނެ، ޔަގީން: ކަންގަނާ

މި މަހު ފަށާ އިންޑިއާގެ ލޯކް ސަބާ އިންތިހާބުގައި ވާދަކޮށް ކާމިޔާބުވާނެކަމުގެ ޔަގީންކަން އޮތް ކަމަށް ބަތަލާ ކަންގަނާ ރަނާވަތު ބުނެފި އެވެ.

ވެރިކަން ކުރާ ބީޖޭޕީގެ ޓިކެޓްގައި އޭނަ ވާދަކުރަނީ އުފަން ސްޓޭޓް ހިމާޗަލް ޕްރަދޭޝްގެ މަންޑީއަށެވެ.

އެ ދާއިރާގައި އިއްޔެ ބޭއްވި ކެމްޕޭން އިވެންޓެއްގައި ހުނަރުވެރި ބަތަލާ ބުނީ އޭނަ މިހާތަނަށް ކުރިމަތިލި ގިނަ ކަންކަން ކާމިޔާބުކޮށްފައިވާ ކަމަށެވެ. އެގޮތުން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮލީވުޑްގައި ހޯދި ކުރިއެރުންތަކާއި ކާމިޔާބީތަކަކަކީ ބުރަ މަސައްކަތުގެ ނަތީޖާ ކަމަށް ބުންޏެވެ.

ކަންގަނާ ބުނީ ބޮލީވުޑަކީ މަސައްކަތް ކުރަން ފަސޭހަ ތަނެއް ނޫން ކަމަށާއި ހާއްސަކޮށް ނުފޫޒު ގަދަ މީސްމީހުންގެ ފަރާތުން އެތައް ތުރާލަކާ ކުރިމަތިލާން ޖެހޭ ކަމަށެވެ. އެކަމަކު ބޮލީވުޑްގައި ފައި ވިއްދައިލީ ކުރިމަތިކުރި އެތައް ހުރަހެއް ގިރާކޮށް، ވަރަށް ކެރިގެން ކަމަށް ބުންޏެވެ.

އެހެންވެ އެ އިންޑަސްޓްރީގައި ބަލިނުކުރެވޭނެ މީހަކު ނުހުންނާނެ ކަމަށް ހަތަރު ނެޝަނަލް އެވޯޑް ހޯދާފައިވާ ބަތަލާ ބުންޏެވެ.

އެ ނަޒަރުން ވިސްނާ އިރު ސިޔާސީ މައިދާނަށް ވެސް ނުކުތީ ވަރަށް ކެރިގެން ސާބިތުކަމާ އެކީގައި ކަމަށާއި ކާމިޔާބު މީހަކަށްވާނެކަމާ ދޭތެރޭ އެއްވެސް ޝައްކެއް ނެތް ކަމަށް ބުންޏެވެ. ކަންގަނާ ބުނީ އޭނަ އަކީ އަބަދު ވެސް ގައުމާއި ރައްޔިތުންގެ ހައްގުގައި އަޑު އިފުލާ މީހެއް ކަމަށާއި ލޯކް ސަބާގައި އެ ދައުރު ވަކިން ބޮޑަަށް އަދާކުރާނެ ކަމަށެވެ.

"އެހެންވެ ގޮނޑި ކާމިޔާބުވާނެކަމުގެ ޔަގީންކަން ބޮޑު،" ކަންގަނާ ބުންޏެވެ. "ރައްޔިތުން އަހަންނަށް އިތުބާރު ކުރޭ."

އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ، ލޯކް ސަބާގެ އިންތިހާބު ފަށާނީ އަންނަ ހުކުރު ދުވަހު އެވެ. މި އިންތިހާބުގެ ވޯޓްލުން ޖޫން 1 އާ ހަމައަށް ކުރިއަށް ދާނެ އެވެ. އިންތިހާބުގައި ލޯކް ސަބާގެ 543 ގޮނޑި އަށް މެންބަރުން ހޮވަން ވޯޓްލުމުގެ ހައްގު 968 މިލިއަން މީހުންނަށް ލިބިގެންވެ އެވެ.