Last Updated: May 3, 10:18
Friday, May 3, 2024
ޚަބަރު

މަގޫދޫ އެއާޕޯޓްގެ މަސައްކަތް ހުއްޓާނުލާ ކުރިއަށް ގެންދާނަން

ފޮޓޯ: ރައީސް އޮފީސް

ތަރައްޤީއަށް ފަށާފައި ހުރި ހުރިހާ ކަމެއް ހުއްޓައިނުލާ ކުރިޔަށްގެންދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު މިފަދައިން ވިދާޅުވީ ފ. މަގޫދޫ ކައުންސިލާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުންނެވެ.

މި ބައްދަލުވުމުގައި މަގޫދޫ ކައުންސިލުން ވަނީ މަގޫދޫ އެއަރޕޯޓުގެ މަސައްކަތް ހުއްޓިފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި ސްކޫލުގެ މަލްޓިޕަރޕަސް ހޯލާއި ސައިންސް ލެބުގެ މަސައްކަތް އަވަހަށް ފެށުމަށް ބޭނުންވާކަމަށާއި ފުޓްބޯޅަ ދަނޑު ރަނގަޅުފެންވަރަކަށް ހެދުމާއި ކައުންސިލު އިދާރާގެ އައު އިމާރާތެއްގެ މުހިންމުކަން ފާހަގަ ކޮށްފައިވެއެވެ. އަދި އެރަށުގެ ތަރައްޤީއަށް ފަށާފައިވާ މަޝްރޫއުތައް އަވަހަށް ނިންމަވައިދެއްވުމަށް އެދިފައިވެއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް މުއިއްޒު ވަނީ މި ސަރުކާރުގެ ފިކުރަކީ ތަރައްޤީގެ ފިކުރުކަން ފާހަގަކުރައްވައި މަގޫދޫގެ އެއާޕޯޓްގެ މަޝްރޫއުވެސް އަދި ތަރައްޤީގެ އެހެން މަޝްރޫއެއްވެސް ހުއްޓާނުލައްވައި ނިންމަވައިދެއްވާނެކަމުގެ ޔަޤީންކަން އަރުވާފައެވެ.

މަގޫދޫ އެއާޕޯޓްގެ މަސައްކަތް ހުއްޓާލަން މިސަރުކާރުން ނިންމި ކަމުގެ އަޑު ފެތުރި އެ ރަށުގެ ރައްޔިތުން ވަނީ އެކަމުގެ ނުރުހުންވެސް ފާޅުކޮށްފައެވެ. މި މައްސަލައިގައި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ވެސް ހުށަހަޅާފައިވެއެވެ. ކުއްލި މައްސަލައިގައި ބުނެފައިވަނީ ކުރީ ސަރުކާރުން މަގޫދޫ އެއާޕޯޓްގެ މަޝްރޫއު ފެށީ، 21 މިލިއަން ޑޮލަރު ނަގުދު ފައިސާގެ ގޮތުގައި ލިބިގެން ކަމަށެވެ. މަގޫދޫ އެއާޕޯޓު މަޝްރޫއުގެ 70 އިންސައްތަ ނިމިފައިވާއިރު މިސަރުކާރު ވެރިކަމާ ހަވާލުވުމަށްފަހު އެ މަޝްރޫއު ހުއްޓާލަން ނިންމާފައިވާ ކަމަށެވެ. އަދި ގޫދޫ އެއާޕޯޓްގެ މަސައްކަތް ހުއްޓާލަން ނިންމާ އެ ރަށާއި ޖެހިގެން ގާތްގަނޑަކަށް 10 މިނެޓުން ދެވެން އޮތް ފ. ނިލަންދޫގައި އެއާޕޯޓެއް އެޅުން އިއުލާނުކޮށްފައިވަނީ، ނިލަންދޫ ދާއިރާގައި ރައީސުލްޖުމްހޫރިއްޔާގެ ކޮއްކޯފުޅު ކެންޑިޑޭޓެއްގެ ގޮތުގައި ނެރުމަށްފަހު ކަމަށްވެސް ބުނެފައިވެއެވެ.