Last Updated: May 3, 17:10
Friday, May 3, 2024
ޚަބަރު

ވިއްސާރައާ ގުޅިގެން 42 މީހަކު ވަގުތީ ބޯހިޔާވަހިކަމަށް

އިއްޔެ ރާއްޖެއަށްކުރި ވިއްސާރައާ ގުޅިގެން 42 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓަ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ބުނެފިއެވެ.

އެންޑީއެމްއޭއިން މިއަދު ބުނެފައިވަނީ އިއްޔެ ރާއްޖެއަށްކުރި ވިއްސާރައިގައި މާލެ ސިޓީގެ އެކި ސަރަހައްދުތަކުގައި ފެންބޮޑުވެ ފެންވަދެގެން ޖުމްލަ 132 ތަނަކުން ރިޕޯޓު ކޮށްފައިވާ ކަމަށެވެ. އޭގެތެރެއިން 122 ތަނަކަށް އެޓެންޑުވެ، 104 ތަނެއްގައި ވެލިބަސްތާ ޖަހާފައިވާ ކަމަށެވެ.

މީގެ ތެރެއިން ދިރިއުޅެން ދަތިވާކަމަށް ރިޕޯޓު ކުރެވުނު 10 ގެއެއްގެ ރެޕިޑު އެސެސްމެންޓް ދިވެހި ރެޑް ކްރެސެންޓުގެ އެހީތެރިކަމާއިއެކު ނިންމާ، ދިރިއުޅެން ދަތިވާކަމަށް ފާހަގަ ކުރެވުނު 06 ގެއެއްގެ ޖުމްލަ 42 މީހުންނަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިން ބުއިން 1 ރެއަށް ހަމަޖައްސާދީފައި ވާކަމަށްވެސް އެމްޑީއެމްއޭއިން ބުނެފައިވެއެވެ.

ރާއްޖޭގެ އެކި ހިސާބުތަކަށް އިއްޔެ ކުރި ވިއްސާރައިގައި ށ. ފީވަކުގެ 20 ގެއަކަށާއި ށ. ފޯކައިދޫގެ 03 ގެއަކަށް ގެއްލުން ލިބިފައިވާ ކަމަށްވެސް އެންޑީއެމްއޭއިން މައުލޫމާތުދެއެވެ. އަދި ތ. ހިރިލަންދޫ އާއި ތ. ވަންދޫއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެގެން ފެން ހިއްކުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ. ވިއްސާރައިގެ ސަބަބުން ތ. ވަންދޫގެ 01 ގެއަކަށް ގެއްލުން ލިބިފައިވާ ކަމަށްވެސް މައުލޫމާތު ދީފައިވެއެވެ.