Last Updated: May 3, 13:35
Friday, May 3, 2024
ޚަބަރު

ކައުންސިލްތަކާއި ކުދި ވިޔަފާރިތަކަށް ފަޅު ރަށްތައް

ރައީސް ޑރ. މުހައްމަދު މުއިއްޒު- ފޮޓޯ: ރައީސް އޮފީސް

ކައުންސިލްތަކާ ރަށްރަށުގެ ކުދި ވިޔަފާރިތަކަށް ބައިވެރިވެވޭ ގޮތަށް ފަޅު ރަށްތައް ދޫކުރަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ފީއަލީގައި ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ކައުންސިލްތަކާއެކު ކުރިއަށް ގެންދާ ބައްދަލުވުންތަކުގެ ބޭނުމަކީ ރައްޔިތުން ބޭނުންވާ ކަންކަން އަވަހަށް ސާފުކޮށް އެކަންކަން ހައްލު ކުރުމަށް އަވަހަށް މަސައްކަތް ކުރެއްވުން ކަމަށެވެ. ފީއަލީގެ ބިން ހިއްކުމުގެ މަސައްކަތް ވައުދުވި ގޮތަށް ކުރިއަށް ގެންދަވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވިދާޅުވީ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތައް ބާރުވެރިކުރަންޖެހޭ ކަމަށާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކެއް ހުރިނަމަވެސް ގާނޫނު އޮތީ އެ ކޮމިޓީތަކަށް އަމަލީގޮތުން ކޮމިޓީތަކަށް ހަރަކާތްތެރިވެވޭ ގޮތަކަށް ނޫން ކަމަށެވެ. ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ބަޖެޓްގެ ދަތިކަން ވަރަށް ބޮޑުކަން އެ ފަރާތްތަކުން ފާހަގަކުރާކަން ރައީސް މުއިއްޒު ފާހަގަ ކުރެއްވިއެވެ. ރައީސް މުއިއްޒު ވިދާޅުވީ މަޖިލީހުގެ އެހީތެރިކަން ލިބޭނަމަ ބޭނުންވަނީ ލާމަރުކަޒީ ގާނޫނު އިސްލާހުކޮށް މިހާރު އިސްލާހުކުރަން ހުރި ހުރިހާކަމެއް އިސްލާހު ކުރުމަށް ކަމަށެވެ.

މީގެއިތުރުން ކައުންސިލްތަކުގެ އާމްދަނީ އިތުރު ކުރުމަށް ޓޫރިޒަމުން ދައުލަތަށް ލިބޭ އާމްދަނީ އަދި އެހެނިހެން ޓެކްސްތަކުން އިންސައްތައެއް ސީދާ ކައުންސިލްތަކަށް ޖަމާކުރައްވާނެ ކަމަށް ވިދާޅުވިއެވެ. އޭރުންވެސް އެ ލިބޭ އާމްދަނީން ކައުންސިލްތަކަށް ގިނަ ކަންކަން ކުރެވޭނެ ކަމަށް ވިދާޅުވިއެވެ. ރައީސް މުއިއްޒު ވިދާޅުވީ ކައުންސިލްތަކާއި ރަށްރަށުގެ ކުދި ވިޔަފާރިތަކަށް ބައިވެރިވެވޭ ގޮތަށް ފަޅު ރަށްތައް ދޫކުރުމަށް ވެސް ނިންމާފައިވާކަމަށެވެ.

"އަޅުގަނޑު ބޭނުންވަނީ ރައްޔިތުން މުއްސަނދި ކޮށްދޭން، ފުދުންތެރި ކޮށްދޭން. މިކަންކަން ކުރެވޭނީ މިކަންކުރެވޭކަހަލަ ކަންތައްތައް އަޅުގަނޑުމެނަށް ފަހިވެގެން." ރައީސް މުއިއްޒު ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވިދާޅުވީ މިހާރު ފަށާފައިހުރި މަސައްކަތްތަކާއި އަލަށް ފަށަން ހުރި މަސައްކަތްތައްވެސް ކުރިއަށް ގެންދަވާނެ ކަމަށެވެ. އަދި ހުރިހާ މަސައްކަތްތައް ކުރާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް އަރުވާކަމަށްވެސް ވިދާޅުވިއެވެ. އެކަންކަން ކުރުމުގެ މަސައްކަތްތައް ފަށާފައިވާކަންވެސް ފާހަގަ ކުރެއްވިއެވެ.

ސަރުކާރާ ހަވާލުވިއިރު ބައެއް ޕްރޮޖެކްޓްތަކަށް ދައްކަންޖެހޭ ފައިސާ ނުދީ ހުރުމުން ހުއްޓިފައިހުރިކަން ފާހަގަކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ އޭގެތެރެއިން ގިނަ ކުންފުނިތަކަށް މިހާރު ފައިސާ ދީފައިވާ ކަމަށެވެ. އެކަމުގެ ނަތީޖާއެއްގެ ގޮތުގައި ބައެއް ރަށްރަށުގައި އަނެއްކާވެސް މަސައްކަތްތައް ފެށިފައިވާ ކަމަށް ވިދާޅުވިއެވެ.