Last Updated: May 3, 10:54
Friday, May 3, 2024
ޚަބަރު

ހޯރަފުށި ކައުންސިލުން އެންޓި ކެމްޕޭން ކުރާ ކަމަށް ތުހުމަތުކޮށްފި

ރައީސް ޑރ. މުހައްމަދު މުއިއްޒު ހޯރަފުށީ ކައުންސިލާ ބައްދަލުކުރެއްވުން- ފޮޓޯ: ރައީސް އޮފީސް

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ހޯރަފުށީ ކައުންސިލުން އެންޓި ކެމްޕޭން ކުރަމުންދާ ކަމަށް ޕީއެންސީން ތުހުމަތު ކޮށްފިއެވެ.

ޕީއެންސީއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އިންތިހާބަށް ނުފޫޒު ފޯރުވުމަށް ހޯރަފުށީ ކައުންސިލުން ހިންގަމުންދާ ކަންތައްތައް ޕީއެންސީ ޕީޕީއެމް ކޯލިޝަނުން ކުށްވެރި ކުރާ ކަމަށެވެ.

ޕީއެންސީން ބުނެފައިވަނީ އެމްޑީޕީގެ މެޖޯރިޓީ ކައުންސިލުން ޕީއެންސީ ޕީޕީއެމް ކޯލިޝަންގެ ކެންޑިޑޭޓަށް އެންޓި ކެމްޕެއިން ކުރުމުގެ އިތުރުން، ހޯރަފުށީގައި ހުރި ކައުންސިލްގެ ހުރިހާ ވަސީލަތްތައް ބޭނުންކުރަމުންދާ ކަމަށެވެ.

"އެގޮތުން ކައުންސިލްގެ މުވައްޒަފުން ކެމްޕެއިންގައި ބޭނުންކުރުމާ، ތަނުގައި ހުރި ވެހިކަލްތަކާއި ޕްރިންޓަރާ ކަރުދާހާއި އެހެނިހެން ވަސީލަތްތައްވެސް ބޭނުންކުރަމުން އެބަދެއެވެ. މިވަގުތު ހޯރަފުށީ ކައުންސިލްގެ އަމާޒު ހުރީ ޤާނޫނުން އެކައުންސިލާއި މަތިކޮށްފައިވާ ޒިންމާ އަދާކުރުމަށްވުރެ ބޮޑަށް، ރަސްމީގަޑީގައާއި ނުރަސްމީ ގަޑީގައިވެސް އިދިކޮޅު ކެންޑިޑޭޓްގެ ކެޕްމެއިން ކުރުމަށެވެ." ޕީއެންސީގެ ބަޔާނުގައި ބުނެފައިވެއެވެ.

ޕީއެންސީން ބުނެފައިވަނީ މި އިންތިޚާބާ ދިމާކޮށް ހޯރަފުށީ ކައުންސިލުން ގޯތި ދިނުމާއި މިހާރު ކައުންސިލުން ބިން ދޫކޮށްފައިވާ ފަރާތްތަކުގެ ބިން ބޮޑުކޮށްދޭނެ ކަމަށްވެސް ބުނަމުންދާ ކަމަށެވެ.

ޤާނޫނުތަކުގައި ކަނޑައެޅިފައިވާ ހުދޫދުގެ ތެރޭގައި ކެމްޕެއިން ކުރުމަށް ޕީއެންސީ ޕީޕީއެމް ކޯލިޝަނުން ހޯރަފުށީ ކައުންސިލް މެމްބަރުންނަށް ވަނީ ގޮވާލާފައެވެ. އަދި ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރަމުންދާ މައްސަލަ ކަމާބެހޭ މުއައްސަސާތަކުން ބަލާ ތަހުޤީޤުކުރުމަށްވެސް ގޮވާލާފައިވެއެވެ.