Last Updated: May 6, 15:27
Monday, May 6, 2024
ޚަބަރު

ޔާމީނަށް އިންސާފު ހޯދަން އެމްޑީޕީން އުޅުމަކީ ޖޯކެއް

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިންސާފު ހޯދައިދޭން އެމްޑީޕީން އުޅުމަކީ ބޮޑު ޖޯކެއް ކަމަށް ސަރުކާރު ހިންގާ ކޯލިޝަނުން ބުނެފި އެވެ.

ޕީޕީއެމް/ޕީއެންސީން މިއަދު ބޭއްވި މަޖިލިސް އިންތިހާބާ ގުޅޭ ނޫސް ކޮމްފަރެންސްގައި ތަރުޖަމާން ހީނާ ވަލީދު ވަނީ ރައީސްގެ ޔާމީންގެ އިސްތިއުނާފު ޝަރީއަތް ކުރިއަށް ނުގޮސް ދިގުލައިގެން ގޮސްފައިވާތީ ައެމްޑީޕީ އަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް އެ މައްސަލަ ޖުޑިޝަލް ސާވިސް ކޮމިޝަން ޖޭއެސްސީ) އަށް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވެފައުވާތީ އެކަމަށް ފާޑު ވިދާޅުވެފަ އެވެ.

ހީނާ ވިދާޅުވީ އެމްޑީޕީގެ މެޖޯރަޓީ އޮތް ޖޭއެސްސީއަށް އެ މައްސަލަ ބަލަން އަސްލަމް ވަޑައިގަތުމަކީ "ބޮޑު ޖޯކެއް" ކަމަށެވެ.

"މިހާރު ރައީސް ޔާމީން މިނިވަން ކުރެއްވުމަށްޓަކައި އެ ބޭފުޅުން ޖޭއެސްސީ އަށް މައްސަލަ ބަލަން ހުށަހަޅާ ވާހަކަ،" އޭނަ ވިދާޅުވި އެވެ. "ދެން މި ވެސް ހަގީގަތުގައި ވަރަށް ބޮޑު ޖޯކަކަށް އަޅުގަނޑުމެންނަށް މި ވަނީ އިނގޭތޯ."

ހީނާ ވިދާޅުވީ ޔާމީންގެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ހައި ކޯޓްގެ ދެ ފަނޑިޔާރުންނަކީ އެމްޑީޕީގެ ސަރުކާރުގައި އައްޔަންކުރެއްވި ދެ ފަނޑިޔާރުން ކަމަށެވެ. އަދި މަޖިލީހުގެ ރައީސަކީ ޖޭއެސްސީގައި އިންނަވާ އެމްޑީޕީ ބޭފުޅެއް ކަމަށާއި ދެން ޖޭއެސްސީގައި ތިއްބެވީ ވެސް ހުސް އެމްޑީޕީ ބޭފުޅުން ކަމަށް ވިދާޅުވި އެވެ.

"ހަގީގަތުގައި މިވެސް ހަމަ ވަރަށް ބޮޑު ޖޯކަކަކަށް ދެން އަޅުގަނޑުމެންނަށް ވެގެން މިދަނީ. ހަގީގަތުގައި ދަންނަވަން މި އުޅެނީ އެމްޑީޕީގެ ފަސް އަހަރުގައި ނުކޮށްދެވުނު ދެން ކޮން ކަމެއްތޯއޭ މަޖިލީހުގެ ސުޕަމެޖޯރަޓީ ހޯދައިގެން އަޅުގަނޑުމެންގެ ވެރިކަމެއްގައި އެބޭފުޅުން ރައްޔިތުންނަށް ކޮށްދޭން މިއުޅެނީ،" އޭނަ ވިދާޅުވި އެވެ.

އާރަށުގެ މުއާމަލާތުގެ މައްސަލައިގައި ޔާމީނަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފްގެ އަޑުއެހުންތައް މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 21 ވަނީ ނިންމާލައިފަ އެވެ. ނަމަވެސް އެ މައްސަލައިގައި ހުކުމް ކުރުމާ ހަމަޔަށް ގޮސްފައި އޮންނަތާ ހަތަރު މަސް ވީއިރު، އެ މައްސަލާގައި އަދިވެސް ހުކުމެއް ނުކުރެ އެވެ.

އެހެންވެ އެކަން ލަސްވާތީ ޔާމީންގެ ގާނޫނީ ޓީމުން ވެސް ގެންދަނީ ތަކުރާރުކޮށް ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

ޔާމީންގެ އިސްތިއުނާފުގެ ޝަރީއަތުގެ ހުކުމް ލަސްވާ މައްސަލަ ޖޭއެސްސީ އަށް ހުށަހަޅުއްވާނެ ކަމަށް އަސްލަމް ވިދާޅުވީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އައްޑޫގައި ބޭއްވި ޖަލްސާއެއްގަ އެވެ.

އަސްލަމް ވިދާޅުވީ އެކަން ލަސްވާތީ ދައްކުވައި ދެނީ މި ސަރުކާރުން ޔާމީންގެ ޝަރީއަތަށް އަތްބާނާ މިންވަރު ކަމަށެވެ.

"ޔާމީނުގެ ޝަރީއަތް ލަސްވެގެންދާ ސަބަބު ޖޭއެސްސީން ބެލުމަށްޓަކާ، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޖޭއެސްސީގެ މެންބަރެއްގެ ގޮތުގައި އަޅުގަނޑު އިންނާތީ، އެ މައްސަލަ އަޅުގަނޑު ލާނަމޭ." އަސްލަމް ވިދާޅުވި އެވެ.