Last Updated: April 30, 11:48
Tuesday, April 30, 2024
ކުޅިވަރު

ޕެލެސް އަތުން ލިވަޕޫލް ބަލިވެއްޖެ

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ކްރިސްޓަލް ޕެލެސް އަތުން 1-0 އިން ބަލިވެ، ލީގު ހޯދުމަށް ލިވަޕޫލުން ކުރަމުން އައި އުއްމީދުތަކަށް ހިޔަނި އެޅިއްޖެ އެވެ.

މި މެޗުން ބަލިވުމުން ލިވަޕޫލް އޮތީ 32 މެޗުން ލިބުނު 71 ޕޮއިންޓާ އެކު ލީގުގެ ތިންވަނައިގަ އެވެ. ދެވަނައިގައި 31 މެޗުން 71 ޕޮއިންޓު ހޯދައިގެން އާސެނަލް އޮތްއިރު، މިރޭ ކުޅޭ މެޗުން އާސެނަލް މޮޅުވެއްޖެ ނަމަ އެޓީމަށް އެއްވަނަ ލިބޭނެ އެވެ. އެއްވަނައިގައި މިވަގުތު 32 މެޗުން 73 ޕޮއިންޓު ހޯދައިގެން އޮތީ މެންޗެސްޓާ ސިޓީ އެވެ.

ލިވަޕޫލްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގެ 14 ވަނަ މިނެޓްގައި ޕެލެސް އަށް ލީޑު ނަގައިދިނީ އެބެރޭޗީ އެޒޭ އެވެ. މިއީ މިޗެލް ދިން ޕާހަކުން އޭރިއާ ތެރޭ ހުރެ ފޮނުވާލި ހަމަލާއަކުން އެޒޭ ކާމިޔާބު ކުރި ގޯލެކެވެ. އޭގެ އިރުކޮޅެއްފަހުން ޕެލެސްގެ ލީޑު ފުޅާކޮށްލަން އެޓީމުގެ މަޓޭޓާ އަށް ހުސް ފުރުސަތެއް ލިބުނު އިރު އޭނާ ފޮނުވާލި ބޯޅަ ގޯލަށް ވަނުމުގެ ކުރިން ހުރަސް ރޮގުމަތިން ދިފާއުކުރީ ލިވަޕޫލްގެ ޑިފެންޑަރު އެންޑީ ރޮބަޓްސަން އެވެ.

މި މެޗުގައި ނަތީޖާ އެއްވަރުކުރަން ލިވަޕޫލަށް ރަނގަޅު ފުރުސަތުތަކެއް ލިބިގެން ގޮސްފައިވެ އެވެ. އެގޮތުން ދެވަނަ ހާފުގެ ކުރީކޮޅު ޕެލެސްގެ އޭރިއާ ތެރޭ ހުރެ ޑާވިން ނުނޭޒް ފޮނުވާލި ބާރު ހަމަލާ ޕެލެސްގެ ކީޕަރު ޑީން ހެންޑަސަން ދިފާއުކުރިއިރު، މުޅިން ހުހަށް ހުރެ ކާޓިސް ޖޯންސް ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒު ނުވެ ބޭރަށެވެ.

މިއީ އަމިއްލަ ދަނޑުގައި ކުޅެ ލިވަޕޫލް ޖެހިޖެހިގެން ބަލިވި ދެވަނަ މެޗެވެ. ލިވަޕޫލް ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ޔޫރޮޕާ ލީގުގައި އެޓަލާންޓާ އަތުން 3-0 އިން ބަލިވެފަ އެވެ.

ލީގުގައި ލިވަޕޫލް ދެން ބައްދަލުކުރާނީ ފުލަމްއާ އެވެ.