Last Updated: May 3, 06:00
Friday, May 3, 2024
މުނިފޫހިފިލުވުން

ސަލްމާންގެ ގެއަށް ދިން ހަމަލާ ސީރިއަސްކޮށް ބަލަނީ

ބޮލީވުޑްގެ ތަރި ސަލްމާން ޚާންގެ ގެއަށް މިއަދުގެ ވަރަށް ފަތިހުގެ ވަގުތެއްގައި ބަޔަކު ބަޑިން ދިން ހަމަލާ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަން ފަށައިފި އެވެ.

މުންބާއީގެ ބަންޑްރާގައި ހުންނަ ސަލްމާންގެ ގެލެކްސީ އެޕާޓްމަންޓަށް ބަޑިން ހަމަލާތަކެއް ދިނީ ސައިކަލެއްގައި ދިޔަ ދެ މީހެކެވެ. ގެއަށް ވަޒަންތަކެއް ފޮނުވައިލުމަށް ފަހު އެ މީހުން ވަނީ ފިލައިފަ އެވެ. މިކަމާ ގުޅިގެން މުމްބާއީ ފުލުހުން ވަނީ ސަލްމާނާއި އޭނަގެ ގޭގެ ސެކިއުރިޓީ ވެސް ވަރަށް ބޮޑަށް ވަރުގަދަކޮށްފަ އެވެ.

އަދި މި ހާދިސާއާ ގުޅިގެން މަހާރަޝްތުރާ ސްޓޭޓްގެ ޗީފް މިނިސްޓަރު އޭކްނާތު ޝިންޑޭ ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. ހާދިސާއާ ގުޅިގެން އޭނަ ސަލްމާނަށް ގުޅުއްވައި، ހަމަލާގެ މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި މުމްބާއީ ފުލުހުން ތަހުގީގު ކުރާނެކަމގެ ޔަގީން ދެއްވި އެވެ.

ޝިންޑޭ ވިދާޅުވީ ސަލްމާނާއި އާއިލާގެ ސެކިއުރިޓީ ވަރުގަދަ ކުރަން ވެސް ފުލުހުންނަށް އަންގަވާފައިވާ ކަމަށެވެ.

ފުލުހުން މިހާރު ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި މިކަން ބަލަމުން އަންނަ އިރު، މީގެ ކުރިން ވެސް ތަކުރާރުކޮށް ސަލްމާނަށް މަރުގެ އިންޒާރުތަކެއް ދިން ގޭންގްސްޓާރެއް ކަމަށް ލޯރެންސް ބިޝޯނީގެ ކޮއްކޮ އައްމޯލް ވަނީ އެ ސަލްމާން ގެއަށް ދިން ހަމަލާގެ ފަހަތުގެ ހުރީ އޭނަ ކަމަށް ބުނެފަ އެވެ. އޭނަ ބުނީ މިއީ އަދި ކުޑަވަރެއްގެ ޓްރެއިލާއެއް ކަމަށާއި އަދި އަސްލު ހަމަލާ ކުރިއަށް އޮތީ ކަމަށެވެ.

ފާއިތުވި ދެ އަހަރު ސަލްމާނަށް އެކިއެކި ގޮތްގޮތަށް މަރުގެ އިންޒާރު ދީފައިވެ އެވެެ. މިކަމާ ގުޅިގެން މުމްބާއީގެ ފުލުހުން އޭނަގެ ސެކިއުރިޓީ ވެސް ވަރުގަދަކޮށްފައިވެ އެވެ. އަދި އަމިއްލަ ހަށިރައްކަލަކަށް ބަޑިއެއް ގެންގުޅުމުގެ ހުއްދަ އަށް އޭނަ 2022 ގައި އެދުމުން އެ ހުއްދަ ވެސް ދީފައިވެ އެވެ. މީގެ އިތުރުން ސަލްމާން ހަށިރައްކަލަށްޓަކައި ބްލެޓްޕްރޫމް ކާރެއް ވެސް ގަނެފައިވެ އެވެ.

ސަލްމާންގެ ގެއަށް ދިން ހަމަލާއާ ގުޅިގެން ފިލްމު އިންޑަސްޓްރީގެ ބައެއް މީހުން މިއަދު ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.