Last Updated: May 2, 21:43
Thursday, May 2, 2024
ދުނިޔެ

ބަންގްލަދޭޝްގެ ބޯޓެއް ހައިޖެކްކޮށްފި

ބަންގްލަދޭޝްގެ ބޯޓެއް ސޯމާލިއާގެ ކަނޑުފޭރޭ ބަޔަކު ހައިޖެކްކުރުމަށް ފަހު، ގިނަ އަދަދެއްގެ ފައިސާ ދިނުމުން އެ ބޯޓް ދޫކޮށްލައިފި އެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ބޯޓްދެލި ބަރުކޮށްގެން މޮޒަމްބީކުން ޔޫއޭއީ އަށް ދަތުރު ކުރަމުން ދަނިކޮށް ސޯމާލިއާގެ ހިސާބުން މީގެ މަހެއްހާ ދުވަސް ކުރިން ކަނޑުފޭރޭ މީހުން ހައިޖެކްކުރީ "ދަ އެމްވީ އަބްދުﷲ" ކިޔާ ބޯޓެކެވެ. ބޯޓް ހައިޖެކްކުރި އިރު، އޭގައި 23 ފަޅުވެރިން ތިއްބެވެ.

ބޯޓާއި ފަޅުވެރިން ދޫކުރީ ކަނޑުފޭރޭ މީހުން ޑިމާންޑްކުރި ފަސް މިލިއަން ޑޮލަރު ދިނުމުން ކަމަށް އެ މީހުންނާ ހަވާލާދީ ބައެއް މީޑިއާތަކުން ބުންޏެވެ. ބޯޓް ހައިޖެކްކުރި ކަނޑުފޭރުނު ޓީމްގައި ހިމެނޭ ބަޔަކާ ހަވާލާދީ ރޮއިޓާސް އިން ބުނީ އެ މީހުން ޑިމާންޑްކުރީ ފަސް މިލިއަން ޑޮލަރަށް ކަމަށާއި އެ ފައިސާ ދިނުމުން އޭގެ އަސްލު ކަށަވަރު ކުރުމަށް ފަހު ފަޅުވެރިންނާއި ބޯޓް ދޫކޮށްލީ ކަމަށެވެ.

މިކަމާ ގުޅިގެން "ދަ އެމްވީ އަބްދުﷲ" އޮޕަރޭޓްކުރާ ކުންފުނި ކޭއެސްއާރްއެމް އިން ބުނީ ބޯޓާއި ފަޅުވެރިން ރައްކާތެރިކަމާ އެކީ އަނބުރާ ޔޫއޭއީ އަށް ގެންދެވުނީ ދެ ފަރާތުގެ މެދުގައި ދެކުވުނު ވާހަކަތަކަކަށް ފަހު ކަމަށެވެ. ނަމަވެސް ކަނޑުފޭރޭ މީހުން ޑިމާންޑްކުރި އަދަދަށް ފައިސާ ދިންތޯ ނޫންތޯ ކުންފުނިން ކަށަވަރުކޮށް ދީފައެއް ނުވެ އެވެ.

"ދެ ފަރާތުގައި މެދުގައި އެއްބަސްވުމަކަށް އާދެވިގެން ބޯޓާއި ފަޅުވެރިން ސަލާމަތްވީ." ކޭއެސްއާރްއެމްގެ މެރިޓައިމް އާމްގެ ފަރާތުން ވާހަކަ ދެއްކި މިޒާނުލް އިސްލާމް އޭއެފްޕީ އަށް ވިދާޅުވި އެވެ.

ކުރިން ވެސް ސޯމާލިއާގެ ކަނޑުފޭރޭ މީހުންގެ އަތްދަށުގައި އެތައް ބޯޓެއް، ބޮޑެތި ގެއްލުންތަކާއި ނުރައްކާތަކާ ކުރިމަތިލާން ޖެހިފައިވާ އިރު، މިދިޔަ އަހަރުގެ ނޮވެމްބަރުން ފެށިގެން ސޯމާލިއާގެ ކަނޑުފޭރޭ މީހުންގެ ނުރައްކާ ވަނީ ބޮޑުވެފައި ކަމަށް މީޑިއާތަކުން ބުނެ އެވެ.

ވޯލްޑް ބޭންކުން ނެރެފައިވާ ރިޕޯޓެއްގައި ބުނެފައި ވަނީ 2005-2012 އާ ހަމައަށް "ހޯންސް އޮފް އެފްރިކާ" އަށް ނިސްބަތްވާ ކަނޑުފޭރޭ މީހުން 339-413 މިލިއަން ޑޮލަރާ ދެމެދުގެ ފައިސާ ފޭރިގެންފައިވާ ކަމަށެވެ.