Last Updated: April 30, 06:17
Tuesday, April 30, 2024
ކުޅިވަރު

ފުރަތަމަ ފަހަރަށް ލީގު ޗެމްޕިއަންކަން ލެވަކޫސަނަށް

ވާޑަ ބްރޭމަން 5-0 އިން ބަލިކޮށް ޖަރުމަނު ލީގުގެ ޗެމްޕިއަންކަން ފުރަތަމަ ފަހަރަށް ބަޔާ ލެވަކޫސަން އިން މިރޭ ހޯދައިފި އެވެ.

ޒަބީ އޮލޮންސޯގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ލެވަކޫސަން އިން ލީގު ޗެމްޕިއަންކަން ހޯދީ ބާކީ އަދި ފަސް މެޗު ކުރިއަށް އޮއްވަ އެވެ. ލެވަކޫސަން އިން ވަނީ 29 މެޗުން 79 ޕޮއިންޓު ހޯދާފަ އެވެ. ދެވަނައިގައި 29 މެޗުން 63 ޕޮއިންޓު ހޯދައިގެން ބަޔާން މިއުނިކު އޮތްއިރު، އެޓީމަށް ދެން ލެވަލޫސަންއާ އަރާ ހަމަ ނުކުރެވޭނެ އެވެ.

ލެވަކޫސަން އިން ޖަރުމަނު ލީގު ކާމިޔާބު ކުރިއިރު، ފާއިތުވި 11 އަހަރު އެ ލީގުގެ ޗެމްޕިއަންކަން ހޯދީ ބަޔާން އެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުގެ 25 ވަނަ މިނެޓްގައި ލެވަކޫސަނަށް ލީޑު ނަގައިދިނީ އެ ޓީމަށް ލިބުނު ޕެނަލްޓީއަކުން ވިކްޓާ ބޮނިފޭސް އެވެ. މެޗުގެ 60 ވަނަ މިނެޓްގައި ލެވަކޫސަންގެ ދެވަނަ ގޯލު ގްރޭނިޓް ޒާކާ ކާމިޔާބުކޮށްދިން ލެވަކޫސަންގެ އަނެއް ތިން ގޯލު ކާމިޔާބުކޮށްދީ އެޓީމުގެ ހުނަރުވެރި މިޑްފީލްޑަރު ފްލޯރިއަން ވާޓްޒް ވަނީ މި މެޗުގައި ހެޓްރިކެއް ހަދާފަ އެވެ.

މެޗު ނިމުމާ އެކު ލެވަކޫސަންގެ ސަޕޯޓަރުން ވަނީ ދަނޑު މައްޗަށް އަރައި ކުޅުންތެރިންނާ އެކު އުފާފާޅުކުރުންތައް ކުރިއަށް ގެންގޮސްފަ އެވެ.

މި ސީޒަނުގައި އެއްވެސް މެޗަކުން ލެވަކޫސަން އަދި ބަލިވެފައި ނުވާއިރު، އެޓީމަށް އިތުރު ދެ ތައްޓެއް ކާމިޔާބު ކުރުމުގެ ފުރުސަތު މި ސީޒަނުގައި އަދި އެބައޮތެވެ. އެއީ ޔޫރޮޕާ ލީގާއި ޖަރުމަނު ކަޕެވެ.