Last Updated: April 30, 12:06
Tuesday, April 30, 2024
ކުޅިވަރު

އާސެނަލް އިން ފުރުސަތު ނަގާލައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އެސްޓަން ވިލާ އަތުން 2-0 އިން ބަލިވެ، އާސެނަލުން ލީގު އެއް ވަނަ އަށް އަރަން ލިބުނު ފުރުސަތު ނަގާލައިފި އެވެ.

ރޭގެ މެޗުން މޮޅުނުވެވުމުން އާސެނަލް ދެވަނައިގައި އޮތީ 32 މެޗުން ލިބުނު 71 ޕޮއިންޓާ އެކު އެވެ. އެއްވަނައިގައި 32 މެޗުން 73 ޕޮއިންޓު ހޯދައިގެން އޮތީ މެންޗެސްޓާ ސިޓީ އެވެ. ތިންވަނައިގައި އޮތް ލިވަޕޫލަށް ވެސް 32 މެޗުން 71 ޕޮއިންޓު ލިބިފައިވާއިރު، އާސެނަލަށް ކުރި ލިބެނީ ގޯލުގެ ތަފާތުންނެވެ.

އާސެނަލްގެ ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ގޯލެއް ފެނިގެން ގޮސްފައި ނުވާއިރު، މި ހާފުގައި ގޯލްޖަހަން ރަނގަޅު ފުރުސަތުތަކެއް ދެ ޓީމަށް ވެސް ލިބިފައިވެ އެވެ. އެގޮތުން އާސެނަލްގެ ލިއަންޑްރޯ ޓްރޮސާޑް ހުހަށް ހުރެ ފޮނުވާލި ހަމަލާ ވިލާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް މަތަކުރިއިރު، ވިލާގެ ފޯވާޑް އޮލީ ވޮޓްކިންސް ފޮނުވާލި ހަމަލާއެއް ވަނީ އާސެނަލްގެ ގޯލުގެ ދަނޑި އަށް އަމާޒުވެފަ އެވެ.

ދެވަނަ ހާފުގައި ދެ ޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ 84 ވަނަ މިނެޓްގައި ލިއޯން ބެއިލީ ވަނީ ވިލާ އަށް ލީޑު ނަގައިދީފަ އެވެ. މިއީ އާސެނަލްގެ ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅައެއް މުޅިން ހުހަށް ހުރެ ގޯލަށް ވައްދާލައިގެން ދެވަނަ ހާފުގައި ކުޅެން އެރި ބެއިލީ ކާމިޔާބު ކުރި ގޯލެކެވެ.

އޭގެ ތިން މިނެޓް ފަހުން ވޮޓްކިންސް ވަނީ ވިލާގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީ އާސެނަލަށް ސިހުން ގެނުވާފަ އެވެ. ވޮޓްކިންސް މި ގޯލު ކާމިޔާބު ކުރީ ބޯޅައާއެކު އާސެނަލްގެ ޕެނަލްޓީއޭރިއާ ތެރެއަށް ވަދެ ކީޕަރު ބޯމަތިން ބޯޅަ ކުރިއަށް ފޮނުވާލައިގެންނެވެ.

މިއީ މިދިޔަ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހަށް ފަހު ލީގުގައި އާސެނަލް ބަލިވި ފުރަތަމަ މެޗެވެ. ލީގުގައި ދެން އާސެނަލް ބައްދަލުކުރާނީ ވުލްވްސްއާ އެވެ.