Last Updated: May 3, 13:49
Friday, May 3, 2024
ޚަބަރު

"އޭވިއޭޝަން ފޯރަމް" މި މަހު 27 ގައި

ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ދާއިރާ އަށް ހާއްސަކޮށްގެން މި އަހަރު ބާއްވާ "އޭވިއޭޝަން ފޯރަމް" މި މަހުގެ 27 ގައި ބާއްވަން ނިންމައިފި އެވެ.

ހޮޓެލް ޖެންގައި ބާއްވާ ފޯރަމް އޭޥިއޭޝަން އިންޑަސްޓްރީގައި މަސައްކަތްކުރާ ސަރުކާރާއި އަމިއްލަ ފަރާތަތްކުން ބައިވެރިވާނެ އެވެ. އޭގެ ތެރޭގައި ރާއްޖޭގައި އޮޕަރޭޓްކުރާ އެއާލައިންތަކާއި އެއާޕޯޓްތައް ހިންގާ ކުންފުނިތައް ހިމެނެ އެވެ.

"އޭވިއޭޝަން ފޯރަމް" ވައިގެ ދަތުރުގެ ދާއިރާގައި މިހާރު ހުރި މައްސަލަތަކާއި ރަނގަޅު ކުރަން ޖެހޭ ކަންކަމާއި އެ ދާއިރާ އިތުރަށް ފުޅާކޮށް، ތަރައްގީކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށް ހިޔާލު ބަދަލު ކުރާނެ އެވެ. އެގޮތުން މަތީ ފަންތީގެ ޕެނެލް ޑިސްކަޝަންތަކާއި މަތޫ ފަންތީގެ ބިޒްނެސް ނެޓްވޯކް ސެޝަންތަކާއި ދާއިރާގެ ކީ ސްޓޭކްހޯލްޑަރުންނާ ގުޅުން ބަދަހި ކުރުން ފަދަ ކަންކަން ފޯރަމްގެ ތެރޭގައި ކުރިއަށް ދާނެ އެވެ.

އޭވިއޭޝަން ދާއިރާ އަކީ ރާއްޖޭގައި މިހާރު ވަރަށް ބޮޑަށް ފުޅާވަމުން އަންނަ ދާއިރާއެކެވެ. އެގޮތުން ޕްރައިވެޓް އެއާލައިންތައް ވެސް އުފެދި، ރާއްޖެ އާއި ރާއްޖެ އިން ބޭރަށް ވެސް ދަތުރުތައް ކުރަމުން އަންނަ އިރު، ރާއްޖޭގައި މިދިޔަ މަހު މުޅިން އަލަށް ވަނީ އެއާ އެމްބިއުލާންސްގެ ހިދުމަތް ވެސް ފަށައިފަ އެވެ.

މީގެ އިތުރުން ރާއްޖޭގެ އިގުތިސާދީ ސަރަހައްދު ބެލެހެއްޓުމުގެ ގާބިލުކުރަން އިތުރު ކުރުމުގެ ގޮތުން މިދިޔަ މަހުގެ ތެރޭގައި ވަނީ އެމްއެންޑީއެފްގައި "އެއާ ކޯ" އުފައްދައި، ޑްރޯން ވެސް ބޭނުން ކުރަން ފަށައިފަ އެވެ.

މި އަހަރުގެ "އޭވިއޭޝަން ފޯރަމް" މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވެލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް މަޓާޓޯ) އިން އެންޑޯޒްކޮށްފައިވެ އެވެ.