Last Updated: May 3, 17:10
Friday, May 3, 2024
ޚަބަރު

ރައީސް ބޭނުން ވަނީ ޒިންމާދާރު މަޖިލީހެއް

މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންވެވަޑައިގަންނަވަނީ ޒިންމާދާރު ރައްޔިތުންގެ މަޖިލީހެއް އޮންނަން ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

މި މަހު ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ގުރައިދޫ ދާއިރާއަށް ދަ ޑިމޮކްރެޓްސް ޕާޓީން ވާދަކުރައްވާ ކެންޑިޑޭޓް އެ ދާއިރާއަށް ވާދަކުރައްވާ ސަރުކާރު ކެންޑިޑޭޓަށް ތާޢީދު ކުރުމާ ގުޅިގެން ބޭއްވި ހަރަކާތެއްގައި މިނިސްޓަރު ވިދާޅުވީ ވެރިކަން ކުރާ ޕީއެންސީން މަޖިލީހަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންނަކީ ސަރުކާރުން އެދޭ ހުރިހާ ގޮތަކަށް ވޯޓުލާން މަޖިލީހަށް ވަޑައިގަންނަވާ ބޭފުޅުންނަށް ނުވާނެ ކަމަށެވެ.

އަދި އެއަށް ވުރެ އެ ބޭފުޅުން ޒިންމާދާރު ވާނެ ކަމަށާއި ރައީސް މުއިއްޒު ވެސް އެދިވޑައިގަންނަވަނީ އެ ގޮތް ކަމަށެވެ.

"ޒިންމާދާރު ރައްޔިތުންގެ މަޖިލީހެއް ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅު ވަނީ. ޒިންމާދާރު ރައްޔިތުންގެ މަޖިލީހަކީ ޤައުމަށް ރަނގަޅު ޤައުމަށް ހެޔޮގޮތްތަކަށް ތަރުހީބުދޭ، ޤައުމަށް ނުރަނގަޅު ގޮތްތަކަށް ނޫނެކޭ ބުނާ ފަރާތްތައް،" ފޭދޫ ދެކުނު ދާއިރާ އަށް ވާދަކުރައްވާ ކުރީގެ މެމްބަރު އިބްރާހީމްދީދީ (އައިބީ) ގެ ދަރިކަލުން ވިދާޅުވި އެވެ. "އެގޮތަށް މިކަން ކުރުން އެއީ އަޅުގަނޑުމެންގެ މެންބަރުންގެ ފަރާތުން އެދޭ އެދުމަކީ. އެއީ އަސްލު ދިވެހި ރާއްޖޭގެ ތިން ބާރު ވަކިވެފައި އޮންނަ އަސާސަކީ ނުވަތަ އެ ބޭނުންވާ ގޮތަކީ."

އިޙްސާން ވިދާޅުވީ އެއް ޕާޓީއެއްގައި ނުވަތަ އެއް ކުލައެއްގައި ނެތް ނަމަ އަނެކަކު ދައްކާ ހުރިހާ ވާހަކައަކަށް ނޫނެކޭ ބުނަން ޖެހޭ ކަމަށް ބައެއް ފަރާތްތަކަށް ހީވެފައި އޮތް ކަމަށެވެ. އަދި މިހާރު އޮތް މަޖިލިސް ސިފަ ވަނީ އެގޮތަށް ކަމަށް ވަޒީރު ވިދާޅުވި އެވެ.

ވިހި ވަނަ މަޖިލިސް އިންތިހާބު އޮންނާނީ އަންނަ އާދީއްތަ ދުވަހު އެވެ.

މި އިންތިހާބަށް ސަރުކާރު ކޯލިޝަނުން ވަރަށް ބޮޑަށް ކެމްޕޭން ކުރަމުން އަންނަ ރައީސް ގެންދަވަނީ މަޖިލީހުގެ މެޖޯރިޓީ ނުލިބި ގައުމު ހިންގަން ދަތިވާނެ ކަމަށް ވިދާޅުވެއްޖެ އެވެ. އެހެންވެ ސަރުކާރަށް މެޖޯރިޓީ ދޭން ރައީސް ގެންދަވަނީ ރައްޔިތުންގެ ކިބައިން އެދިވަޑައިގަންނަވަމުންނެވެ.

އެ މަނިކުފާނު ވިދާޅުވާ ގޮތުގައި މަޖިލީހުގެ މެޖޯރިޓީ ނުލިބިއްޖެ ނަމަ ތަރައްގީގެ ހުރިހާ މަސައްކަތްތަކެއް ހުއްޓޭނެ އެވެ.