Last Updated: May 2, 18:49
Thursday, May 2, 2024
މުނިފޫހިފިލުވުން

ރަންބީރްގެ ޕްރޮޖެކްޓެއް ރޯހިތާ އެކީ

ރަންބީރް ކަޕޫރާ އެކީ ޑައިރެކްޓަރު ރޯހިތު ދަވަން ގެނެސްދޭން އުޅޭ ޕްރޮޖެކްޓެއްގެ ޕޯސްޓަރެއް އާންމުކޮށްފި އެވެ.

ދިގު އިސްތަށިގަނޑަކާ އެކީ ރެޓްރޯ ލުކެއްގައި ރަންބީރް ފެންނަ ޕޯސްޓަރުގައި އިންނަނީ "ރަންބީރް ކަޕޫރް އޭސް އަލްޓިމޭޓް ފައިޓާ" އެވެ. އަދި މިއީ ރޯހިތުގެ ޑައިރެކްޝަނެއް ކަމަށާއި ވަރަށް އަވަހަށް އަންނާނެ ކަމަށް ބުނެފައިވެ އެވެ. އެކަމަކު މިއީ ފިލްމެއްތޯ ނޫނީ އިޝްތިހާރެއްތޯ ކަށަވަރެއް ނުވެ އެވެ.

ރޯހިތުގެ ޕްރޮޖެކްޓެއްގައި ރަންބީރް ހިއްސާވެފައި މި ވަނީ ކުރިން މިފަދަ އެއްވެސް މަސައްކަތަކަށް އެ ދެ މީހުން ތައްޔާރުވާކަމުގެ އެއްވެސް އަޑެއްބަޑެއް ނީވި އެވެ.

ރޯހިތަކީ މަޝްހޫރު ޑައިރެކްޓަރު ޑޭވިޑްގެ ދަވަންގެ ދޮށީ ދަރިފުޅެވެ. އަދި މަޝްހޫރު އެކްޓަރު ވަރޫން ދަވަންގެ ބޭބެ އެވެ. ރޯހިތު މިހާތަނަށް ތިން ފިލްމެއް ޑައިރެކްޓްކޮށްފައިވެ އެވެ. އެގޮތުން އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރު ކާތިކް އާރިއަނާ އެކީ ގެނެސްދިން "ޝެހެޒާދާ" އެވެ. އޭނަގެ ކުރީގެ ދެ ފިލްމަކީ ވަރޫން އާއި ޖޯން އަބްރަހަމް ކުޅުނު 2016 ގެ "ޑިޝޫމް" އާއި ޖޯން އާއި އަކްޝޭ ކުމާރު ކުޅުނު 2011 ގެ "ދޭސީ ބޯއިސް" އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޓައިގާ ޝްރޮފާ އެކީ ހަދަން ނިންމާފައިވާ "ރާމްބޯ" ގެ ރިމޭކްގެ ޑައިރެކްޓަރަކީ ރޯހިތެވެ.

ރަންބީރާ އެކީ ރޯހިތު އުފެއްދުމެއް ގެނެސްދޭން ތައްޔާރުވަމުން އަންނަ އިރު، ބަތަލާ އާލިއާ ބަޓްގެ ފިރިމީހާގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ "އެނިމަލް" އެވެ. ރަންބީރް މިހާރު އަންނަނީ ޑައިރެކްޓަރު ނިތޭޝް ތިވާރީގެ ޓްރިލޮޖީ "ރާމާޔަން" ގެ މަސައްކަތް ކުރަމުންނެވެ. އަދި އޭނަ އޮތީ ސަންޖޭ ލީލާ ބަންސާލީގެ "ލަވް އެންޑް ވޯ" އަށް ވެސް ސޮއިކޮށްފަ އެވެ.