Last Updated: May 2, 21:43
Thursday, May 2, 2024
ދުނިޔެ

ގުޅިފައިވާ އެންމެ ދުވަސްވީ ދެބެއިން މަރުވެއްޖެ

ގުޅިފައިވާ އެންމެ ދުވަސްވީ އެއްމާބަނޑު އަންހެން ދެބެއިން މަރުވްޖެ އެވެ.

އެމެރިކާގެ ޕެންސިލްވީނިއާ ނިސްބަތްވާ ލޯރީ އާއި ޖޯޖް ޝަޕެލް މަރުވީ ޕެންސިލްވީނިއާ ޔުނިވަސިޓީ ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާ ދެމުން ދަނިކޮށް މި މަހުގެ 7 ގަ އެވެ. ނަމަވެސް އެ މީހުންގެ މަރާ ބެހޭ އެއްވެސް އިތުރު އެއްވެސް ތަފުސީލެއް ހާމައެއް ނުކުރެ އެވެ.

ބޮލާއި ނިތްކުރިއާ ދިމާލުން ގުޅުފައިވާ ލޯރީ އާއި ޖޯޖް މަރުވި އިރު، އުމުރަކީ 62 އަހަރާއި 2020 ދުވަހެވެ. އެ މީހުން އުފަންވީ ސެޕްޓެމްބަރު 18، 1961 ގަ އެވެ. އުފެދިފައިވާ ގޮތުން ލޯރީ ހިނގުނު ނަމަވެސް، ޖޯޖަކަށް ނުހިނގެ އެވެ. އަދި އޭނަ އުޅުނީ ފުރޮޅުލީ ގޮނޑިއެއްގަ އެވެ.

ލޯރީ އާއި ޖޯޖް ގުޅިފައި ވިޔަސް ދެ މީހުންނަކީ ތަފާތު މަސައްކަތްތަކެއް ކުރި ބައެކެވެ. އެގޮތުން ޖޯޖަކީ ކާމިޔާބު ލަވަކިޔުންތެރިއެކެވެ. އެގޮތުން އޭނަ ދުނިޔޭގެ އެކި ތަންތާނގައި ޝޯތަކެއް ވެސް ދީފައިވެ އެވެ. ކަންޓްރީ ސިންގާއެއްގެ ގޮތުގައި ހާއްސަވި ޖޯޖް އެމެރިކާ އިން ބޭރުގައި ޝޯތައް ދިން ގައުމުތަކުގެ ތެރޭގައި ޖަރުމަނާއި ޖަޕާން ހިމެނެ އެވެ.

ޖޯޖް މިއުޒިކް ކުޅޭ އިރު، މިއުޒިކް އެރޭޖްންކޮށް ދިނުމުގައި ލޯރީ ހިއްސާވެ އެވެ. އެކަމަކު އޭނަގެ މައިގަނޑު ވަޒީފާއެއްގެ ގޮތުގައި އެންމެ ގިނަ ދުވަހު އުޅުނީ ހޮސްޕިޓަލެއްގެ ލޯންޑްރީގަ އެވެ.

ލޯރީ އާއި ޖޯޖް ވަކިކޮށް ދޭން އެތައް ފަހަރަކު ހުށަހެޅުންތަކެއް ވެސް ލިބުނެވެ. އެކަމަކު އެކަމަށް އެ މީހުން އަބަދު ވެސް ބުނީ "ނޫނެކޭ" އެވެ.